ޚަބަރު

އިދިކޮޅުގެ އަޑު : އަދުލު އިންސާފު ގާއިމް ކުރޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށާއި، އަދުލު އިންސާފު ޤާއިމު ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ލީޑަޝިޕުންނާއި ސަޕޯޓަރުން މާލޭގައި އިހުތިޖާޖު ކުރަމުން އެބަގެންދެއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މިއިހުތިޖާޖު ފަށާފައި ވަނީ ހައިކޯޓު ސަރަޙައްދުން ފެށިގެންނެވެ. އަދި މިހާރު އިހުތިޖާޖުގެ ބައިވެރިން ހިނގަމުން ދަނީ މަޖީދީމަގުންނެވެ.

އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދަނީ "އަދުލު އިންސާފު" ގާއިމު ކުރުމަށާއި ރައީސް ޔާމީން ދޫކޮށްލުމަށެވެ.

އިހުތިޖާޖުގެ ގިނަ ބައިވެރިން ހުދު ކުލައިގެ ޓީޝާޓެއް ލައިގެން ތިބިއިރު، އޭގައި ލިޔެފައި ވަނީ ވެސް ރައީސް ޔާމީން މިނިވަން ކުރުމަށެވެ.

އިހުތިޖާޖުގެ ބައިވެރިން ތިބީ މާސްކު އަޅައިގެންކަން ވެސް ފާހަގަ ކުރެވެއެވެ.

ޔައީސް ޔާމީން މިނިވަން ކުރަން ގޮވާލުމުގެ އިތުރުން އިހުތިޖާޖުގެ ބައިވެރިން ވަނީ "ނުޙައްޤުން އަނިޔާ ކުރުން" ހުއްޓާލުމަށް ވެސް ގޮވާލާފައެވެ.

އިދިކޮޅު ލީޑަޝިޕުންނާއި ސަޕޯޓަރުން މާލޭގައި އިހުތިޖާޖު ކުރަން ފަށާފައި މިވަނީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިއަދު ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން މިރޭ 9:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!