ޚަބަރު

ޤައުމުގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި، "އިނަފް އިޒް އިނަފް" އޭ ބުނެ ރައްޔިތުން ނުކުންނަން ވެއްޖެ: ޑރ. މުޢިއްޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤައުމުގެ ހާލަތު މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް ވާތީ، "އިނަފް އިޒް އިނަފް" އޭ ބުނެ ފުދިއްޖެކަން ސަރުކާރަށް ދައްކާ، ރައްޔިތުން ނުކުންނަން ވެއްޖެކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ކައުންސިލު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު މިހާރު އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެތައް ހާސް އިންޑިޔާ ސިފައިން މިވަގުތު ރާއްޖޭގައި އެބަތިބި ކަމަށް ވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމް ޖަލުގައި ބާއްވައިގެން އުޅެނީ މިހުރިހާ ކަމެއް ކުރަން ބޭނުންވާތީ ކަމަށާއި، އެހެންކަމުން ރައްޔިތުން ނުކުމެ ފުދިއްޖެ ކަމުގައި ބުނަންޖެހޭ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަކީ ޤައުމީ މަސައްކަތެއް" އެއީ ޤައުމީ ވާޖިބެއް ކަމުގައި ފާހަގަ ކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ޤައުމުގެ ކަންކަން މިވަނީ ބޮއްސުންލާފައި ކަމަށާއި ޤައުމުގައި މިނިވަންކަމެއް ނެތް ކަމުގައި ބުނެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!