ރާއްޖެއަށް ހެރޮއިން ޓްރެފިކް ކުރާ ލަންކާ ދެ މީހަކު، އިންޑިއާއިން ހައްޔަރު ކޮށްފި

ރާއްޖެއަށް ހެރޮއިން ޓްރެފިކް ކުރާ ލަންކާ ދެ މީހަކު، އިންޑިއާއިން ހައްޔަރު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އިންޑިއާއިން ހައްޔަރު ކޮށްފައި މިވަނީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއްގައި އިސް ދައުރެއް އަދާ ކުރާ ސްރީލަންކާގެ ދެ ރައްޔިތެކެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންްޓްރޯލް ބިއުރޯ (އެންސީބީ) ގެ ޑެޕިއުޓީ ޑިރެކްޓަރ ކޭޕީއެސް މަލޯތުރާ އިއްޔެ އެޤައުމުގެ މީޑިއާތަަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އެމްއެމްއެމް ނަވާސް އާއި މުހައްމަދު އަފްނާސް ކިޔާ މީހެއް ކަމަށެވެ. މި ދެ މީހުންނަކީ ވެސް ވަނަވަރު އޮޅުވާލައިގެން ޓަމިލް ނާޑޫގެ ޗެންނާއީގައި ދިރިއުޅެމުން ދިޔަ ދެ މީހުން ކަމުގައި ވެސް މަލޯތުރާ ވިދާޅުވެފައިވެއެވެ.
ނަވާސް އާއި އަފްނާސް އިންޑިއާއަށް ދިޔައީ ލަންކާއިން އެމީހުން ހޯދަމުން ދަނިކޮށް ފިލައިގެން ކަމަށާއި އެމީހުން ހައްޔަރު ކުރަން ލަންކާއިން އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެފައިވާ ކަމަށް ވެސް މަލޯތުރާ ވިދާޅުވެފައިވެއެވެ.
މަލޯތުރާ ވިދާޅުވި ގޮތުގައި ނަވާސް އާއި އަފްނާސް ހައްޔަރު ކުރުމަށް ބޭނުންވާ މައުލޫމާތު އިންޑިއާއަށް ލިބުނީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން ދަތުރު ކުރި ލަންކާގެ މަސްބޯޓެއް ހިފެހެއްޓި ފަހުންނެވެ. އެއީ ޓުޓިކޮރިން ބަނދަރު ކައިރިން، 95.87 ކިލޯގެ ހެރޮއިން އާއި 18.32 ކިލޯގެ މެތެމްފެޓަމިން އާއި ފިސްތޯލަ އާއި ވަޒަނާ އެކު ދަތުރު ކުރި ބޯޓެއް ކަމަށް ވެސް މަލޯތުރާ ވިދާޅުވިއެވެ.