ޚަބަރު

61 ކިލޯގެ ޑްރަގް މައްސަލަ: އިސްމީހާ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އެންމެ އިސްކޮށް ހުރި މީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ޕީޖީ އޮފީހުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މިއަދުއެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ނަމަކަށް ކިޔާ މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައި ގައި ތުހުމަތުވާ 11 މީހުންގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވީ 2020 ވަނަ އަހަރުގެ މެއި މަސް ތެރޭގައެވެ.

ހައްޔަރު ކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ މަސް ދޯނިން ހައްޔަރު ކުރި ހަތް މީހަކާއި އެ މައްސަލައާއި ގުޅިގެން މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހެކެވެ. އެ އެންމެންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުންނެވެ.

އެ މައްސަލާގައި ހައްޔަަރު ކުރި މީހުންނަކީ:

▪︎ މ. މުލި މުޝްތަރީގެ، މުހައްމަދު ރިޝްވާން އިބްރާހިމް
▪︎ މއ. ބޮއިލިންފިޝް، އަހްމަދު ވިސާމް
▪︎ މ. މާކޮޅު، މުހައްމަދު މާއިޝް
▪︎ މ. މުލި، ސޯސަންވިލާ، ހުސައިން ސުނާޒް
▪︎ ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު ހަމީދު
▪︎ މ. ކޮޅުފުށި، އޯޝަންވިއު، މުހައްމަދު މާއިދު
▪︎ ހުޅުމާލެ ފްލެޓް ނަންބަރު 6 ޖީ 4 ، އަހްމަދު ޝިފާޒް
▪︎ މއ. ބޯޅަކިންކިރިމާގެ، އަބްދުﷲ ޝާމް
▪︎ މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދު
▪︎ މއ. ވިރާހް، މުހައްމަދު ޝާމިން
▪︎ މ. ކެޕްރިކޯން، ސައުދުﷲ ރަޝީދު

މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރަނީ މއ. ބޮއިލިންގފިޝް، އަހްމަދު ވިސާމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލައިފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް މިމަހުގެ 24ވަނަ ދުވަހު އަމުރު ކޮށްފައެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާ ޕީޖީ އޮފީހުން އިއްޔެ ބުނީ، ވިސާމްއަކީ މި ނެޓްވޯކްގެ އެންމެ އިސް ފަރާތް ކަމަށެވެ. އަދި މި ކުށުގެ އަމަލު ހިންގުމުގައި އެންމެ އިސްކޮށްހުރީ ވެސް އޭނާ ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!