މިއީ އެއްވެސް ޕާޓީއަކުން އިހުތިޖާޖުތައް ކުރަން މުނާސަބު ވަގުތެއް ނޫން : ޢަލީ ޒައިދު
މިއީ އެއްވެސް ސިޔާސީ ޕާޓީއަކުން ބޮޑެތި އެއްވުންތައް ބާއްވާ އިހުތިޖާޖުތައް ކުރަން މުނާސަބު ވަގުތެއް ނޫން ކަމުގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިހާރު މާލޭގައި ބާއްވަމުން ގެންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވާ، ޝެއިޚް ޒައިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ އެއްވެސް ޕާޓީއަކުން ބޮޑެތި އެއްވުންތައް ބާއްވާ އިހުތިޖާޖުތައް ކުރަން މުނާސަބު ވަގުތެއް ނޫން ކަމުގައެެވެ.
"ކޭސްތައް މައްޗަށް ދާއިރު މިހާރު ކުރިއަށް ގެންދެވޭ ބޮޑެތި އެއްވުންތައް ހުއްޓާލުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމަށް ޕީޕީއެމް ޕީއެންސީ އިން ކޮންމެހެން ވެސް ކޮށްދެއްވަން ޖެހޭ ކަމެއް ކަމުގައި ދެކެން" ޝެއިޚް ޒައިދު ވިދާޅުވިއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު މެންދުރު މިނިސްޓްރީ އޮފް ހެލްތު ކުރިމަތީގައިވަނީ މުޒާހަރާ ކޮށްފައެވެ. އަދި މިރޭ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ.
މީގެއިތުރުން މިދިޔަ ހޯމަ ދުވަހު، އިލެކްޝަންސް ކޮމިޝަން ސަރަޙައްދުގައި ވެސް އިދިކޮޅު ކޯލިޝަނުންނާއި ސަޕޯޓަރުން ވަނީ ކައުންސިލު އިންތިހާބު އަވަސް ކުރުމަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލާ، މުޒާހަރާ ކޮށްފައެވެ.
ޒައިދު ކަލެއަށް ކިހާވެރެއް ދީގެން ތިއުޅެނީ.