މީހެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް އިއުތިރާފުވި މީހަކު 10 އަހަރަށް ޖަލަށް

މީހެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް އިއުތިރާފުވި މީހަކު 10 އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިމައްސަލައިގައި ހުކުމް ކޮށްފައި ވަނީ މ. އެވަފްރީ، ޒުލްމަހާސިން މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ.
ޒުލްމަހާސިން ގެ މައްޗަށް ދައުވާ ކުރީ، މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ 20:30 އެހާކަންހާއިރު މާލޭގެ ގޯޅިއެއްގެ ތެރޭގައި، މ. އަސަލް/ އަހުމަދު ޝަމާލު ހުއްޓާ، އޭނާގެ ކަރަށް ފަސް އިންޗުގެ ވަޅިއަކުން ހަމަލާދިން ކަަމުގެ ތުހުމަތުގައެވެ.
މިހާދިސާގައި ޝަމާލްގެ ކަރަށް އަނިޔާ ވެފައިވާ ކަމަށް އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށް ދައުލަތުން ބުނެފައި ވެއެވެ.
މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށަށް ގާނޫނުގައި އޮންނަ އަދަބަކީ 5-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.