ކޮވިޑް ފެތުރުން އިތުރުވާތީ އައިޖީއެމްއެޗުން ދޭ ހިދުމަތްތަކަށް ބަދަލުތަކެއް
ކޮވިޑް 19 ފެތުރުން އިތުރުވެފައިވާތީ އައިޖީއެމް ހޮސްޕިޓަލުން ހިދުމަތް ދޭއިރު މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފިއެވެ.
މިކަން އިއުލާނުކޮށް އައިޖީއެމްއެޗްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލު ތެރޭގައި ވީހާވެސް ބޮޑަށް ގައިދުރުކަން ބެހެއްޓުމަށް އެކި ޚިދުމަތްތައް ދެވޭއިރު ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އެގޮތުން އޯޕީޑީތަކުގައި ބަލި މީހުން ބެލުން ހެނދުނު 8 އިން މެންދުރު 2 އަށް ކުރު ކުރެވިގެންދާނެ ކަމަށާއި އޯޕީޑީ ވެއިޓިން އޭރިއާގައި އެއްވަގުތެއްގައި ތިބޭ ބަލި މީހުން މަދު ކުރުމަށް އެކި ގަޑިތަކަށް ބަހާލައިގެން ބަލިމީހުން ޑޮކްޓަރަށް ދައްކަން ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.
ރާއްޖޭގައި ބަލި ފެތުރުން މިހާރު ބޮޑުތަނުން އަނެއްކާވެސް މިވަނީ އިތުރުވާން ފަށާފައެވެ. ބަލި ޖެހޭ މީހުން އިތުރުވުމާ ގުޅިގެން މިހާރު ވަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ. ކޮވިޑް-19 ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ފަރުވާ ކުޑަކުރަމުން އަންނަކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ. އެގޮތުން ބައެއް ފަރާތްތަކުން މިހާރު ބޭރުގައި އުޅޭއިރު މާސްކު ރަނގަޅަށް ނާޅާ އުޅޭކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.