އުންމީދަކީ ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް ދިޔުމުގެ ތައުފީޤު ލިބުން: ރައީސް ޞާލިޙު
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާދަމާ ރާއްޖޭގައި ވެކްސިން ޖަހަން ފެށުމާއެކު، އުންމީދު ކުރައްވަނީ އަނބުރާ އުފާވެރި ދިރިއުޅުމަކަށް ދިއުމުގެ ތައުފީޤު ލިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިއަދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ އަކީ ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދޭން ފަށާ ދުވަސް ކަމުގައެވެ.
"މާތް ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރުމާއެކު އަޅުގަނޑުގެ ދުޢާއަކީ މިވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިޔުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން. އާމީން" ރައީސް ޞާލިޙު ވިދާޅުވިއެވެ.
މާދަމާ މާލޭގެ އިތުރަށް އައްޑުއާއި ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރާނެއެވެ. އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްޙީ ޚިދުމަތްތެރިންނަށެވެ.
ރާއްޖޭގައި ދިނުމަށް ނިންމާފައި ވަނީ އެސްޓްރާޒެނެކާއާއި އޮކްސްފޯޑު ގުޅިގެން އުފެއްދި ވެކްސިނުގެ ފޯމިއުލާ ބޭނުންކޮށްގެން އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ "ކޮވިޝީލްޑު" ވެކްސިނެވެ.