ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ސިޔާސީ ނުކުރޭ: އީސީ
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ސިޔާސީ ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސް ކޮށްފިއެވެ.
އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ވެކްސިނާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ފަރާތްތަކުން ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓާލުމަށެވެ.
އެގޮތުން ކޮވިޑާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނިކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ދޭން ތައްޔާރުވަމުން ދާއިރު، ވެކްސިނާ މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އަދި ބިރުވެރިކަން އުފެދޭ ގޮތަށް ސިޔާސީ ފޯރަމްތަކުގައި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ވާހަކަ ދެއްކެވުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"އަންނަ އެޕްރީލް މަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ބޭއްވުމަށް ޕާޓީތަކުންނާއި ކެނޑިޑޭޓުން ތައްޔާރު ވަމުންދާއިރު ކެމްޕޭން ކުރުމަށާއި، އިންތިޚާބުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ރައްކާތެރި މާޙައުލެއް ޤާއިމްވެފައި އޮތުމަކީ އިންތިޚާބުގެ ވޯޓާސް ޓާންއައުޓް މަތިވެ، ގިނަ ބައެއްގެ ބައިވެރިވުން އިންތިޚާބަށް ލިބިގެންދާނެ ކަމަކަށް ވާތީ، ކޮވިޑް-19 އަދި ކޮވިޑް-19 އަށް ރައްކާތެރިވުމަށް ދެވޭ ވެކްސިނާ ގުޅޭގޮތުން ޞައްޙަ ނޫން މަޢުލޫމާތު ނުފެތުރުއްވުމަށް އަދި މި ވެކްސިން ސިޔާސީ ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީގެ މެންބަރުންނަށް މިކޮމިޝަނުން އިލްތިމާސް ކުރަމެވެ." އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.