ކޮރޯނާ ވައިރަސްގެ ހަގީގަތް ހޯދުމަށް ޑަބްލިޔުއެޗްއޯގެ ޓީމެއް ވުހާން މާކެޓަށް!

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޓީމެއް، ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރުނު ކަމަށް ބުނާ ޗައިނާގެ ވުހާންގައި ހުންނަ ސީފުޑް މާކެޓަށް ޒިޔާރަތް ކޮށްފިއެވެ.
ޑަބްލިޔުއެޗްއޯގެ ތަޖުރިބާކާރުން އެ ސަރަހައްދަށް ދިޔައިރު އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ސެކިއުރިޓީ ބަލަހައްޓާފައެވެ، އެގޮތުން މުޅި އެ ހިސާބު އެވަގުތު ބަންދުކޮށްފައިވާއިރު، ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ވެސް މި ޓީމުން ޖަވާބުދީފައެއް ނުވެއެވެ.
މިދިޔަ އަހަރު ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު ވުހާން މާކެޓު ބަންދުކުރުމަށް ފަހު، އެ މާކެޓަށް އާންމުން ވަނުން އޮތީ މަނާކޮށްފައެވެ.
ވައިރަސް ފެތުރުމުގެ ކުރިން މި މާކެޓަށް ކޮންމެ ދުވަހަކު އެތައް ހާސް މީހުންނެއް، މޭވާ ، ތަރުކާރީ އަދި ސީފުޑުގެ ބާވަތްތައް ގަތުމަށް ޒިޔާރަތްކުރެއެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޑަބްލިޔުއެޗްއޯއިން މާކެޓަށް ޒިޔާރަތް ކޮށްފައި ވަނީ ބަލީގެ ހަގީގަތް އިތުރަށް ދެނެގަތުމަށެވެ.
ނަމަވެސް ވައިރަސް ފެތުރުނީ މި މާކެޓުން ކަމަށް ބުނާ ވާހަކަތައް ޗައިނާގެ ބައެއް ފަރާތްތައް ދޮގުކުރެއެވެ.