ދުނިޔެ

ކޮވިޑް-19 ޖެހިގެން އިންގްލޭންޑުން ހަފްތާއެއްގެ ތެރޭގައި މަރުވި މީހުންގެ އަދަދު ބޮޑުތަނުން ދަށަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން ހަފްތާއެއްގެ ތެރޭގައި މަރުވި މީހުންގެ އަދަދު ބޮޑު ތަނުން ދަށް ވެއްޖެއެވެ.

Ads by Sosun Fihaara

ހޯމަ ދުވަހު އެގައުމުން ކޮވިޑް-19 ޖެހިގެން 406 މީހަކު މަރުވެފައިވާއިރު މިއީ ޑިސެންބަރު މަހުގެ ފަހުން ދުވާލެއްގެ މައްޗަށް ބަލާއިރު އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

ފާއިތުވި ހަފްތާގެ ހޯމަ ދުވަހު 22،195 މީހަކު ބައްޔަށް ފައްސިވިއިރު، 592 މީހަކު މަރުވެފައި ވެއެވެ. ފާއިތުވި ހަފްތާ އާ އަޅާ ކިޔާނަމަ، މި ހަފްތާގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 31.4 އިންސައްތަ ދަށް ވެފައެވެ.

މަރުވި މީހުންގެ އަދަދު މަދުވެފައިވާއިރު، ބަލި ޖެހޭ މީހުންގެ އަދަދު ވެސް ރެކޯޑުކުރެވޭ މިންވަރު ދަށް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ އިނގިރޭސިވިލާތަށް އަރާފައިވާ ކޮވިޑް-19 ގެ ދެވަނަ ރާޅު ނިމެން އުޅޭ ކަމުގެ އިޝާރާތެއް ގޮތުގައި ސިއްހީ މާހިރުން ވަނީ ފާހަގަ ކޮށްފައެވެ.

އިނގިރޭސިވިލާތުގައި ވެސް ކޮވިޑް-19 އަށް ވެކްސިން ދޭން ފަށާފައިވާއިރު، މިހާތަނަށް އެގައުމުގައި 9.3 މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!