ވިޔަފާރި

އިންކަމް ޓެކުހަށް އާންމުންގެ ހިޔާލު ހޯދަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންކަމް ޓެކްސް އަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ.

Ads by Sosun Fihaara

އެގޮތުން މީރާއިން ވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް 18 އިސްލާހެއް ގެނެސް، އެ އިސްލާހުތަކަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައެވެ.

އިންކަމް ޓެކްސް ނެގުމުގެ ގާނޫނު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ރައީސް ތަސްދީގު ކޮށްދެއްވާފައި ވާއިރު، އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ވަނީ ފަށާފައެވެ.

ފަރުދުންގެ އާމްދަނީން ޓެކްސްގެ ބައިގައި ހިމެނެނީ މުސާރަ ނުވަތަ އުޖޫރަ ނޫން ގޮތްގޮތަށް ލިބޭ އާމްދަނީއެވެ.މި ޓެކްސް ނަގަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. މި ޓެކްސް ގެ ގޮތުގައި މެއި މަހު އެކަނި ދެ މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

އިންކަމް ޓެކްސްއާ ގުޅޭ ބިލް ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅިއިރު ޓެކްސް ދެއްކުމަށް ކަނޑައަޅާފައި ވަނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. ނަމަވެސް މި ބިލް ގާނޫނަކަށް ވީ އިރު ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ.

މަހެއްގެ މައްޗަށް 60،000ރ. އަށް ވުރެ ބޮޑު، 100،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށް ވުރެ ބޮޑު، 150،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް ޕަސެންޓެވެ.

އަދި، 150،000ރ. އަށް ވުރެ ބޮޑު، 200،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓު ނަގާނެ އެވެ. އާމްދަނީ 200،000ރ. އަށް ވުރެ މަތި ނަމަ، ނަގާނީ 15 ޕަސެންޓެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!