ޝެފްސް ޔޫނިއަނުން އޮމަދޫގައި ކާމިޔާބު ކަލިނަރީ ޕްރޮގުރާމެއް ބާއްވައިފި

ބައިނަލްއަޤްވާމީ ޝެފުންގެ ދުވަހާ ގުޅުވައިގެން، އދ. އޮމަދޫގެ އަންހެނުން ބާރުވެރިކުރުވުމަށް މޯލްޑިވްސް ޝެފްސް ޔޫނިއަނުން ބައިވެރިވެގެން އެ ރަށުގައި ކެއްކުމުގެ ޚާއްޞަ ތަމްރީނު ޕްރޮގުރާމަކާއި ކެއްކުމުގެ މުބާރާތެއް ބާއްވައިފިއެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު 20 ގައި ފާހަގަކުރާ މި ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތައް އޮތީ އޮކްޓޫބަރު މަހުގެ 30 އަދި 31 ގައެވެ.
މި ޕްރޮގުރާމަކީ ތަޒްކީރު އެސޯސިއޭޝަނާއި އޮމަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިސްނަގައިގެން، މޯލްޑިވްސް ޝެފްސް ޔޫނިއަންގެ ފަންނީ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މީގެއިތުރުން އޮމަދޫ ކައުންސިލުން ވެސް މި ހަރަކާތްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި ބައިވެރިވެ އެހީތެރިކަން ދީފައިވެއެވެ.
މި ތަމްރީނުތަކުގައި މޯލްޑިވްސް ޝެފްސް ޔޫނިއަނުން ވަނީ ކެއްކުމާއި، ޕޭސްޓްރީ އަދި ފޮނިކާތަކެތި ތައްޔާރުކުރުމުގެ ޢަމަލީ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދީފައެވެ. އަދި އަމިއްލަ މަސައްކަތުން ކާބޯތަކެތީގެ ކުދި ވިޔަފާރިތައް ފަށައި، ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތްތަކަށް ހިތްވަރު ދިނުމުގެ އިތުރުން، ދަސްވި ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ފޯރިގަދަ ކެއްކުމުގެ މުބާރާތެއް ވެސް މި ޕްރޮގުރާމުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ކާބޯތަކެތި ރަށު ފެންވަރުގައި އުފެއްދުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މި ހަރަކާތުގައި ވަނީ މަޝްވަރާކޮށްފައިއެވެ. އަދި ރަށުގައި ތައްޔާރުކުރާ ތަކެތި ފަތުރުވެރިންނަށް ވިއްކައިގެން ރަށުގެ އިޤްތިޞާދު ވަރުގަދަ ކުރެވިދާނެ ގޮތްތަކާ މެދު ބައިވެރިން ހޭލުންތެރިކުރުވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ޕްރޮގުރާމާއި މުބާރާތް ނިމިގެން ދިޔައީ ރަށުގެ ގިނަ އަންހެނުންތަކެއްގެ ބޮޑު ތަރުޙީބަކާއެކުގައެވެ. މި ހަރަކާތުގެ ސަބަބުން ބައިވެރިންނަށް އައު ހުނަރުތަކެއް ދަސްވެ، ވާދަވެރި މާޙައުލެއްގައި އަމިއްލަ ފެންވަރު ދައްކާލުމުގެ ފުރުޞަތު ލިބި، ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން މަޢުލޫމާތު ދެއެވެ.




ކޮމެންޓް