"ހެލްތު އެންޑް ފެމެލީ އެކްސްޕޯ" ރައީސްގެ ދެކަނބަލުން އިފްތިތާޙު ކޮށްދެއްވައިފި
ހުޅުމާލޭގައި މިއަދު ފެށި ހެލްތު އެންޑް ފެމެލީ އެކްސްޕޯ ރައީސްގެ ދެކަނބަލުން އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި އެކްސްޕޯ ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމުކުރާ މިއަހަރުގެ "ހެލްތު އެންޑް ފެމެލީ އެކްސްޕޯ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ސިއްހީ ދާއިރާގެ 156 މަސައްކަތަކާ ގުޅޭ މައުލޫމާތު ހިމެނޭ ފޮތެއް ވެސް ނެރެދެއްވާފައެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯއަކީ މި ސިލްސިލާގެ ތިންވަނަ އެކްސްޕޯއެވެ. މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި ކްލިނިކުތަކުގެ އިތުރުން، އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލުތަކާއި ޖަމިއްޔާތައް ހިމެނޭހެން 60އަށް ވުރެ ގިނަ ސްޓޯލް މި ފަހަރު ވަނީ ބައިވެރިވެފައެވެ. ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މައުލޫމާތު އޮޅުންފިލުއްވާފައެވެ.
މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމެވެ. އެގޮތުން ދުޅަހެޔޮ އާދަތަކާއި، ޖިންސީ ހަމަހަމަކަމާއި، ސިއްހީ އިންޝުއަރަންސް ސްކީމުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސިއްހީ ވުޒާރާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމާއި ޖަވާބުދާރީވުމުގެ ފުރުސަތު ވެސް މި އެކްސްޕޯގެ ތެރެއިން ވަނީ ހުޅުވާލާފައެވެ.
އެކްސްޕޯގައި ކުޑަކުދިންނަށް ހާއްސަ ހެލްތު ޗެކަޕްތަކާއި، ވެކްސިނާއި ކާނާއާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ބިދޭސީންނަށް ހާއްސަ ހެލްތު ސްކްރީނިންގް ވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން މިއުޒިކް ޝޯތަކާއި، ބިރުވެރި ހޮހޮޅަ ފަދަ މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.



-1793808498597%20(1).webp)

ކޮމެންޓް