Monday, 9 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ދީނާ ޚިލާފު ކަންކަން ނުކުރެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލު ހުށަހަޅައިފި

ރިއަލް އެސްޓޭޓް ދާއިރާ ހަރުދަނާކޮށް، ކަސްޓަމަރުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ހިންގައި، ހާމަކަން ބޮޑު ނިޒާމެއް ގާއިމްކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ރިއަލް އެސްޓޭޓް ދާއިރާގައި ހަރަކާތްތެރިވާ ޑިވެލޮޕަރުން ރަޖިސްޓްރީކޮށް، އެފަރާތްތަކުގެ ޒިންމާތަކާއި ޙައްގުތައް ކަނޑައެޅުމެވެ. އަދި މި ވިޔަފާރީގެ ތެރެއިން މުދާ ގަންނަ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކޮށް، މުޅި ދާއިރާ މޮނީޓަރު ކުރެވޭނެ ޤާނޫނީ އޮނިގަނޑެއް ތައާރަފްކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ބިލުގައިވާ ގޮތުން، ރިއަލް އެސްޓޭޓް ވިޔަފާރީގެ ކަންކަން ބަލަހައްޓާ ރެގިއުލޭޓް ކުރުމަށްޓަކައި "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ"ގެ ނަމުގައި ވަކި އިދާރާއެއް އުފައްދަން ޖެހެއެވެ. ކަމާގުޅޭ ވުޒާރާގެ ދަށުން ހިނގާ މި އިދާރާގެ ޒިންމާއަކީ މަޝްރޫއުތައް ރަޖިސްޓްރީކުރުމާއި، ޑިވެލޮޕަރުންނާއި އޭޖެންޓުންގެ ދަފްތަރު ބެލެހެއްޓުމެވެ.

މި ބިލާ ގުޅޭގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މީގެ ސަބަބުން ކޭޕާކް އަދި ސީލައިފް ފަދަ މަޝްރޫއުތަކުން ރައްޔިތުންނަށް ލިބުނު ގެއްލުންތަކުން ސަލާމަތްވެވޭނެ ކަމަށެވެ. އަދި ގަންނަ ފަރާތާއި ވިއްކާ ފަރާތުގެ ހައްގުތައް ސާފުކޮށް ބަޔާންކުރެވި، ނިޒާމީ ގޮތެއްގައި މި ވިޔަފާރި ކުރިއަށްދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތައް ތަރައްގީކުރުމުގެ އުސޫލުތައް ވެސް ބިލުގައި ވަނީ ހިމަނާފައެވެ. މިފަދަ ޒޯންތަކުގައި ޓެކްސް ނަގާނީ ފަތުރުވެރިކަމުގެ ރޭޓުން ކަމަށާއި، މާސްޓަރ ޑިވެލޮޕަރުން އެ ތަންތަނުގައި ހޮސްޕިޓަލާއި، މިސްކިތް، ޝޮޕިން ސެންޓަރު އަދި ޕާކު ފަދަ އަސާސީ ވަސީލަތްތައް ގާއިމްކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ބިލުގައިވާ ފާހަގަކޮށްލެވޭ އެހެން ކަންކަމުގެ ތެރޭގައި، އިޒްރޭލުގެ ރައްޔިތުންނަށް ނުވަތަ އެ ގައުމާ ގުޅުން އޮންނަ ފަރާތްތަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް މިފަދަ ޕްރޮޕަޓީއެއް ނުވިއްކޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ވަކި ގައުމެއްގެ ރައްޔިތުންނަށް ވިއްކޭނީ ޖުމްލަ ބިމުގެ 25 އިންސައްތަ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

މި ޒޯންތަކުގައި ބިން ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރަށެވެ. އަދި އެ ތަންތަނުގައި އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، އެހެން ދީންތަކުގެ އަޅުކަން ކުރާ ތަންތަން ބިނާކުރުން ފަދަ ކަންކަން ބިލުން ވަނީ މަނާކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް