ޝާހިދު ހައްޔަރުކުރީ ސިޔާސީ ބޭނުމަކު ނޫން، ޤާނޫނު ތަންފީޒު ކުރަންޖެހޭނެ: ރައީސް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަބްދުﷲ ޝާހިދު ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށާއި، ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިންގަންޖެހޭނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްޗަށް ކުރެވެނީ ސީރިއަސް ތުހުމަތުތަކެއް ކަމަށާއި، އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތް ކުރިއަށްދާންވާނީ ޤާނޫނީ އިޖުރާއާތުތަކުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އޭނާ ހައްޔަރުކުރި އަމުރު މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މި މައްސަލައާ ގުޅުވައިގެން ސަރުކާރުގެ އަގުވެއްޓޭ ގޮތަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް ސިޔާސީ މަސައްކަތެއް ކޮށްގެން ނުވަތަ ފާޑުކިޔައިގެން އެއްވެސް މީހަކު މި ސަރުކާރުން ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"އެއްވެސް ވަރަކަށް މި ސަރުކާރުން ސިޔާސީ ފަރާތެއް ހައްޔަރެއް ނުކުރާނެ، އެއީ މިހާތަނަށް ވެސް ކުރި ކަމެއް ނޫން، އަޅުގަނޑު ކުރާނެ ކަމެއް ނޫން، ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ޝާހިދުގެ މައްޗަށް ކުރެވެނީ ކުޑަކުއްޖަކާ ގުޅޭ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުށްވެރިއަކީ ކާކުތޯ ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން ހިންގާ ގާނޫނީ މަސައްކަތްތަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި، ޑިއު ޕްރޮސެސް ފޮލޯކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން މި މައްސަލައިގެ ތަފްސީލު ހާމަނުކުރި ނަމަވެސް، ޝާހިދުގެ މައްޗަށް ކުރަނީ އޭނާގެ ފަރާތުން ރައްކާތެރިކަން ލިބެންޖެހޭ މަގާމެއްގައި ހުރި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތެވެ. މިއީ ގާނޫނީ ގޮތުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ.




ކޮމެންޓް