މިރޭގެ "އަހާ" ފޯރަމްގައި ހަތަރު ވަޒީރަކު ތިއްބަވާނެ
ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ "އަހާ" ފޯރަމްގެ އާ ބައްދަލުވުމެއް މިރޭ 9:00 ގައި އޮންނާނެއެވެ.

ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އާންމުންނަށް ހިއްސާކޮށް، ސުވާލު ކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ "އަހާ" ފޯރަމްގެ އައު ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ. މި ފޯރަމަކީ ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ހުރި ސުވާލުތަކަށް ސީދާ ވަޒީރުންގެ ފަރާތުން ޖަވާބު ހޯދައިދިނުމަށް ބާއްވާ ސިލްސިލާ ހަރަކާތެކެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ހަތަރު ވަޒީރުންނަކީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާއި، ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއުގެ އިތުރުން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.
ދެ ގަޑިއިރަށް ކުރިއަށްދާ މި ލައިވް ޕްރޮގްރާމްގައި، ފޯރަމް ބާއްވާ ތަނަށް ހާޒިރުވެގެންނާއި ޕީއެސްއެމްގެ "އެއަރ" އެޕް މެދުވެރިކޮށް ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެއެވެ.
މި ސަރުކާރުން "އަހާ" ފޯރަމްގެ ސިލްސިލާ ބައްދަލުވުންތައް ފެށީ 2024ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސީދާ ބައްދަލުކޮށް ސުވާލުކުރުމަށް "ރައްޔިތުންގެ އަޑު" ނަމުގައިވެސް ހާއްސަ ޕްރޮގްރާމެއް ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ.





ކޮމެންޓް