ގަލޮޅު ދަނޑު މުނިފޫހިލުވުމުގެ ހަރަކާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރަނީ
ގަލޮޅު ދަނޑު "ރީޕާޕަސް" ކޮށް، އެތަނަކީ ކުޅިވަރުގެ އިތުރުން މުނިފޫހިލުވުމުގެ އެކި ހަރަކާތްތައް ބޭއްވޭނެ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު "ރީޕާޕަސް" ކޮށް، އެތަނަކީ ކުޅިވަރުގެ އިތުރުން މުނިފޫހިލުވުމުގެ އެކި ހަރަކާތްތައް ބޭއްވޭނެ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އެތަނުގެ ތިރީގައި ހުރި ފިހާރަތައް ނަގައި، ދަނޑު ވަށައިގެންވާ މަގުތައް ފުޅާކޮށް "ވޯކިން ޕާތުވޭ" ތަކެއް ހަދާނެ ކަމަށެވެ. އަދި ދަނޑުގެ ވިނަގަނޑު އެއްކޮށް ބަދަލުކޮށް، އައު ޕިޗަކާއި ސިޑިބަރިތައް ވެސް ތަރައްގީކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގަލޮޅު ދަނޑު އަޅުގަނޑުމެން ނިންމާފައި ވަނީ ރީޕާޕަސްކުރަން ނުވަތަ ރީފިޓް ކުރަން. ފިހާރަތައް ނަގާ، މަގު ވޯކިން ޕާތުވޭއަކަށް ހަދާ މަގު ފުޅާކޮށް، ދަނޑުގެ ވިނަގަނޑު އެއްކޮށް ނަގާ، އައު ޕިޗެއް އަޅަން. ސިޑިބަރި ވެސް ހަދާ، ފުޓުބޯޅައާ ކުޅިވަރު ހަރަކާތްތައް އަދި އެހެނިހެން މުނިފޫހިލުވުމުގެ ކަންކަން ވެސް ކުރެވޭނެ ހިތްގައިމު ވެނިއުއަކަށް ދަނޑު ބަދަލުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ގަލޮޅު ދަނޑަކީ ގިނަ ދުވަސްތަކެއް ވަންދެން އެކަށީގެންވާ މަރާމާތެއް ނުކުރެވި އޮތުމުގެ ސަބަބުން ވަރަށް ބޮޑަށް ބައުވެ، ހަލާކުވެފައިވާ ތަނެކެވެ. ދަނޑުގެ ސިޑިބަރިތަކުގައި ރެނދުލައި، ސަލާމަތީ ގޮތުން ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާއިރު، ވިނަގަނޑު ހަލާކުވެފައި އޮތުމުގެ ޝަކުވާ ކުޅުންތެރިން އަބަދުވެސް ކުރެއެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ޕާކިންގެ ދަތިކަން ބޮޑުވުމަކީ ވެސް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.





ކޮމެންޓް