މާޒީގެ ތޭރިތަކުގެ ތެރޭގައި ތާއަބަދަށް ބަންދުވެފައިވާ ގައިދީއަކަށް ތިބާ ނުވާށެވެ.
ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި ކަންތައްތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެކި މީހުންނަށް އެކި ކަންކަން ކުރިމަތިވާއިރު އެކި މީހުން ތަޖުރިބާ ކުރަން ޖެހޭނީ ވެސް އެކިވަރުގެ ކަންތަކެވެ. އަދި އެކަންތައްތަކުގެ ރަހައާއި ވަހާއި ކުލަ ވެސް ތަފާތު ވާނެ ކަން ޔަގީނެވެ. އަދި ގިނަ ފަހަރަށް ކޮންމެ މީހަކީ ވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ކަހަލަ ހިތްނޭދޭ ފަދަ ކަމެއް ކުރެވިފައިވާ މީހުންނެވެ.
ކިތަންމެ ވިޔާނުދާ އުޅުމެއް އިއްޔެ އުޅުނު މީހަކު ވެސް، މިއަދު ބަދަލުވެފައި ހުރެދާނެކަން އަހަރެމެން ގަބޫލު ކުރަން ޖެހެއެވެ. އިއްޔެ އޭނާއަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ސަލާމަތްނުވެވި މަގުގެއްލިފައިވާ މީހެއް ކަމުގައި ވިޔަސް އޭނާއަށް ވެސް ތެދުމަގު ދައްކަވާފާނެ ކަން އަހަރެމެން ގަބޫލުކުރަން ޖެހޭނެއެވެ. އޭނާއަކީ ދުވަހަކު ވެސް ބަދަލު ނުވާނޭ މީހެކޭ ބުނެ އޭނާ ދަށްކޮށްލާކަށް ނުވާނެއެވެ. އޭނާގެ ކަށީގައި ހިފާފައިހުރި ވިޔާނުދާ އާދަ ކަނޑުވަން އޭނާ ކުރާ މަސައްކަތުގައި އޭނާގެ ހިތްމަރާލާކަށް އަމުދުން ނުވާނެއެވެެ.
އިއްޔެ އޭނާ ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް މިއަދު އޭނާ ބަދަލު ވެދާނެއެވެ. މިއަދު އޭނާއަކީ ވިސްނޭ މީހަކަށް ވެދާނެއެވެ. މިއަދު އޭނާއަކީ އިއްޔެއާ ޚިލާފަށް ދިރިއުޅުމުގައި ފޮނި ހުވަފެންތަކެއް ދެކެމުންދާ މީހަކަށް ވެސް ވެދާނެއެވެ. އަދި ދުވަހަކު ވެސް މަސްތުވާތަކެއްޗާ ގާތް ނުވާން އަޒުމު ކަނޑައަޅައިގެން ހުރި މީހަކަށް ވެސް ވެދާނެއެވެ. އެހެންކަމުން، އޭނާގެ މާޒީއަށް ބަލައި އޭނާއާ ދިމާއަށް އެއްޗެހި ކިޔުމުގެ ހައްގެއް އަހަރެމެން އެކަކަށް ވެސް ލިބިގެނެއް ނުވެއެވެ.
އެއީ ހަމަ އެންމެ މިސާލެކެވެ. ތިބާ އަކީ ފަހަރުގައި މީގެ ކުރިން މީހެއްގެ މުދަލަކަށް ނުވަތަ މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާ މީހެއް ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ހިތާމަވެރި ކަންތައްތަކަކާ ކުރިމަތިލާން ޖެހުނު މީހެއް ކަމުގައި ވެެސް ވެދާނެއެވެ. ދިރިއުޅުމުގައި ކަންކަމާ ކުރިމަތިލައި އެކަންކަމުގައި އަދި ކާމިޔާބު ނުވެ ހުރި މީހަކަށް ވެސް ވެދާނެއެވެ. ލޯބީގެ މައިދާނުގައި ކާމިޔާބު ނުވެ ހިތްހަލާކު ވެފައިވާ މީހަކަށް ވެސް ވެދާނެއެވެ.
ކަން އޮތީ އެހެން ކަމުގައި ވީ ނަމަވެސް އެއީ ތިބާގެ މާޒީއެވެ. ތިބާގެ މާޒީއަކުން އަހަރެމެންނަށް ތިބާގެ މުސްތަގުބަލު މިނެއް ނުކުރެވޭނެއެވެ. ތިބާގެ މުސްތަގުބަލު ތަސައްވަރެއް ވެސް ނުކުރެވޭނެއެވެ. އެހެނީ، ކިތަންމެ ވިޔާނުދާ އުޅުމެއް އުޅެފައި ހުރި މީހަކަށް ވެސް، އެމީހަކު ބޭނުންނަމަ ބަދަލު ވެވިދާނެ ތީއެވެ.
އެކުވެރިޔާއެވެ. ދިރިއުޅުމުގައި އިއްޔެއަށް ވިސްނައިގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ދިިރިއުޅުމުގައި އަބަދު ވެސް ވިސްނަންވީ މާދަމާ އަށެވެ. މާޒީއަށް ވިސްނާ ރޮއެ ހިތާމަކޮށް ހަދައިގެން ވާނެ ފައިދާ އެއް ނެތެވެ. މާޒީގައި ވެފައިވާ ކަންތައްތަކުން ނުވަތަ ކުރެވިފައިވާ ކަންތައްތަކުން ހާސިލު ކުރަންވީ އިބުރަތްތަކެކެވެ. އެ އިބުރަތްތަކަކީ ތިބާއަށް ކުރިއަށް އޮތްތަނުގައި ވަރަށް މުހިންމު އެއްޗަކަށް ވެސް ވެގެން ހިނގައިދާނެއެވެ. އެހެންކަމުން އެ އިބުރަތްތައް ހިފައިގެން، ތިބާގެ މާޒީގެ ޖަލުން ތިބާ އަވަހަށް ނުކުންނާށެވެ. އެ ޖަލުގެ ތެރޭގައި ތާ އަބަދަށް ބަންދުވެފައިވާ ގައިދީއެއް ކަމުގައި ތިބާ ނުވާށެވެ.