ޚަބަރު

ފައިޒާއިން އިންޑިއާގައި ވެކްސިން ޖަހަން ހުއްދައަށް ހުށަހެޅި ހުށަހެޅުން އަބުރާ ގެންގޮސްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެންމެ ފުރަތަމަ ބޭނުން ކުރުމުގެ ހުއްދަ ގިނަ ޤައުމުތަކުން ދިން ފައިޒާ އަދި ބައޮޓެކް ކުންފުނިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން އިންޑިއާގައި ޖެހުމުގެ ހުއްދައަށް އެދިފައިވާ އެދުން އެކުންފުނިން އަނބުރާ ގެންގޮސްފިއެވެ.

Ads by Hajj Corporation

ފައިޒާ ކުންފުނިން ބުނެފައި ވަނީ އިންޑިއާގައި ފައިޒާ ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް މިދިޔަ އަހަރުގެ ތެރޭގައި އެދިފައިވާނެ ކަމަށާއި ނަމަވެސް އެޤައުމުގެ ޑްރަގް ރެގިއުލޭޝަންސްއާއެކު މަޝްވަރާ ކުރުމަށްފަހު، ހުއްދައަށް އެދުނު އެދުން އަނބުރާ ނަގަން ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ކަންތައް ކޮށްފައިވަނީ ރެގިއުލޭޓަރީ ބޯޑުން ބޭނުންވާ ބައެއް މަޢުލޫމާތު ދެވެން ނެތުމާ ގުޅިގެންނެވެ.

އިންޑިއާގެ ސެންޓްރަލް ޑްރަގް ސްޓޭންޓާޑް އޯގަނައިޒޭޝަން އިން ވަނީ ފައިޒާގެ ވެކްސިން ބޭނުން ކުރެވޭނީ އިންޑިއާގައި މިވެކްސިނުގެ ތަޙްލީލެއް ކުރުމަށް ފަހުގައި ކަމަށް ބުނެފައެވެ. މިގޮތުން އެފަރާތުން ބުނެފައި ވަނީ މިހާރު ހުރި ޑޭޓާތަކުން އެނގެނީ ހުޅަނގުގެ ފަރާތްތަކަށް މި ވެކްސިންގެ ސަބަބުން ކުރާ އަސަރު ކަމަށާއި އިންޑިއާގެ މީހުންގެ ޖެނެޓިކް ހުޅަނގުގެ މީހުންނާ ތަފާތުވާނެ ކަމަށާއި މިހެންކަމުން އިންޑިއާގައި ޓްރައިލެއް ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ.

އިންޑިއާއިން ވަނީ ދެ ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ އޮކްސްފޯޑްގެ ވެކްސިނާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ބާރަތު ބައޯޓެކްއާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗްއާއެކު ހެދި ވެކްސިނަކަށެވެ. މި ދެ ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދިފައި ވަނީ ފައިޒާއިން ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދުނުތާ މާފަހުންނެވެ.

ފައިޒާއިން ބުނެފައި ވަނީ، އިންޑިއާއިން ބޭނުންވާ ތަހްލީލްތައް ކުރިޔަށް ގެންދިއުމަށްފަހު، އަލުން ހުއްދައަށް އެދޭނެ ކަމަށެވެ. ފައިޒާ ވެކްސިނަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް 95 އިންސައްތަ ކާމިޔާބު ވެކްސިނެއްކަން ފާހަގަ ކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!