ހަގީގީ ހާދިސާ ލައިފްސްޓައިލް

މާރާމާރީއާއި މަސްތުވާތަކެތީގެ އަނދިރި ދުނިޔޭގައި ފިޔަ ޖެހި ދިވެހި ޒުވާނެއްގެ ބަދަލުވި ޙަޔާތް ،އޭނާގެ ދުލުން!

އަލީ ޝިފާޒް ، ދެން އޮންލައިން

މިއީ މާރާމާރީއާ މަސްތުވާތަކެތީގެ އަނދިރި ދުނިޔެއެއްގައި ހަޔާތް ހޭދަކުރި މީހަކު ކިޔައިދީފައިވާ ވާހަކައެއް އޭނާގެ ނަޒަރުން ލިޔެފައިވާ ރިޕޯޓެކެވެ.

Ads by Hajj Corporation

ހަޔާތެއްގައި ފިރިހެނަކަށް އެންމެ އުފާވެރި ދުވަހަކަށް ވާނީ ބައްޕައަކަށް ވުމުގެ ފަޚުރާއި ޝަރަފު ލިބޭ ދުވަހެވެ. އަހަރެން ވެސް ބައްޕައަކަށް ވަނީއެވެ. އުފާވެރިކަން އިންތިހާއަށެވެ. ދުވަހަށް ވާން ޖެހޭ ތައްޔާރީތައްވެ ނިމިއްޖެއެވެ. ކެތް ނުކުރެވިގެން ކޮންކަހަލަ ކުއްޖެއްތޯ ވެސް ބަލާ، ނިއު ބޯން އަންހެން ކުއްޖަކަށް ބޭނުންވާ ސާމާނު ހަމަކޮށް ވެސް ނިމިއްޖެއެވެ. ވަގުތު ކުޑަތަން ވަނީއެވެ.

ނަމަވެސް މި ހަމަ ހިމޭންކަމުގެ ވަގުތުގައި އަހަރެންގެ ހިތާއި ސިކުނޑި ގޮސް ހުއްޓިފައި ހުރީ މާ ދުރަށެވެ. ހިތް ތެޅޭވަރުން ހަލާކު ވަނީ އެވެ. ހިތަށް އަރާ ފައިބައިގެންދާ އެއްޗެހިން ފެންކަޅިވެ ރޮވޭ ވަރުވެއެވެ. ބައެއް ފަހަރު ސިއްސައިގެން ވެސް ދެއެވެ.

އެނދުގެ މަގަތުގައި ، 9 މަސް ފުރިފައިވާ ބަނޑަކާއެކު ނިދާފައި އޮތް އަނބިމީހާއަށް ބަލާލާ ކޮންމެ ފަހަރަކު ގިސްލެވެއެވެ. އޭނާގެ މާދަން އޭނާ އަހަރެންނާ އެކުގައި ކުރަހާ ކުލަޖައްސަމުން ދިޔައީ އޭނާ އަހަރެން ދެކެ ވާ ލޯބީގެ އަލީގައެވެ. އޭނާއަށްޓަކާ އަހަރެން ފަހުރުވެރިވަމެވެ. ނަމަވެސް މިއަދު އަހަރެން މިހުރީ ހަތަރު އުދަރެސް ފެނު ޖެހިފައެވެ.

އާނއެކެވެ. އަހަންނަކީ ރާއްޖޭގެ ދެކުނުގެ ރަށަކަށް އުފަން ހަތަރު ކަށި މަތި ރާއްޖެތެރެއަށް ނިސްބަތްވާ ޒުވާނަކީމެވެ. އުމުރުން 13 އަަހަރުގައި މައިންބަފައިންގެ އުންމީދުތައް ކޮނޑު އަޅައިގެން މާލެ އައީ ކިޔަވާށެވެ. ކިޔަވައިގެން މޮޅު މީހަކަށް ވާށެވެ. އެ މަންމައާއި ބައްޕަގެ ފަޚުރުކަމުގައި ވުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

ނަމަވެސް އަހަރެން އަގީދާ އެހާ ބަލިކަށިކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ މައިންބަފައިން މަތިން އެހާ ފަސޭހައިން އަހަރެން ހަނދާން ނެތިދާނެކަމަށް ދުވަހަކު ވެސް ހުވަފެނުން ވެސް ނުދެކެވެ. ތަރައްގީއާއި ތަހުޒީބުގެ ތެރެއިން ޣާފިލުކަމާއި، ކަންނެތްކަމާއި، ފާހިޝް އަމަލުތަކާއި މުންކަރާތްތަކަށް އަރައިގަންނަށް އަހަރެން ނެގީ މަދު ދުވަސް ކޮޅެކެވެ.

މާލޭގެ ވަރުގަދަ ގޭންގެއްގެ އެކުވެރިއަކާއެކު އެތަނަށް ގޮސް އުޅުމުގެ ތެރޭގައި އެ ގޭންގުގެ ޅަ ބެޗްގެ މެންބަރަަކަށް އަހަރެން ވެއްޖެއެވެ. ސުކޫލުގައި އަހަރެން އުމުރުގެ ދާދާ އަކަށް ވެއްޖެއެވެ. އުފާވެރިކަމަށް ވުރެ ކިބުރުވެރިކަން ބޮޑުވެ، މުޅި ސުކޫލުގައި ނަން ހިނގާ ދާދާއަކަށް ވެ ސުކޫލު ނިންމާލީ ސުކޫލަށް ދާ ދުވަހަށްވުރެ ނުދާ ދުވަސް ގިނަ ކޮށެވެ.

ސުކޫލް ނިމުނުއިރު ގޭންގްގެ ނަން ހިނގާ ލިސްޓަށް އަހަރެން އަރައިފިއެވެ. ފަހުރުވެރި ޒުވާނަކަށް ވެއްޖައީމެވެ. ގޭންގަށް އާމްދަނީ ދަށްވެ، އަހަރެންގެ މާލީ ހާލަތު ދަށްވުމުން ދެން ފެށީ އެހެން މަގެކެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ޒުވާން ސޭޓަކަށް އަހަރެން ވެއްޖައީމެވެ. އަސްތާއެވެ. ދެނަކާ ދެނެއް ނެތެވެ. އިސާހިތަކު ފައިސާގެ ނޫޓުތަކުގެ ތެރޭގައި އަހަރެން ފީނަން ފެށީމެވެ. މުއްސަނދި ވާ ވަރަކަށް ގޭންގުގައި އަހަރެންގެ ރޭންކް ދިޔައީ އަރަމުންނެވެ. ތަރިއަކަށް ފަަހު ތަރިއެއް ޖަހަމުން ގޭންގްގެ އެންމެ އިސް ސަފަށް ނުކުތީ ޒުވާން ކަމުގެ ޖޯރުގައި، ފަޚުރުވެރިކަން މަތީގައެވެ.

މާލޭ ތެރޭގައި ގޭންގް މާރާމާރީއެއް ދާނަމަ ގޭންގުގެ ދިފާއުގައި އަހަރެން ހުންނަނީ އެންމެ ކުރީގައެވެ. ގޭންގުގެ ދިފާއުގައި މީހަކު މަރާލަން ވެސް އަހަރެން ފަސް ނުޖެހެމެވެ. މިކަމުގެ ތެރެއިން ފުރަތަމަ ފަހަރަށް ފުލުހުންގެ ހައްޔަރަށް ގެންދިޔުން ވީ އަދި މަތީ ތައުލީމުގެ ޑިގުރީއެއް ލިބުން ފަދަ ކަމަކަށެވެ. ތޫނު ހަތިޔާރާއެކު މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމުގެ ކުށުގައި ފުލުހުން އަހަރެން ހައްޔަރު ކުރިއެވެ.

އެދުވަހު ވަކީލާ ދިމާވުމުން އަހަރެންގެ މަންމަ ހޭ ނެތުނު ވާހަކަ އޭނާ ބުންޏެވެ. އެހެނަސް އަހަރެންގެ ސަމާލުކަން މާކަ ބޮޑަކަށް އެކަމަކަށް ނުދެމެވެ. ގާޟީއަށް ވިޔަސް އައިއޯއަށް ވިޔަސް އުޖޫރަ ދައްކައިގެން އަހަރެން ބޭނުންވީ ނުކުންނާށެވެ. ޖުމްލަ 30 ދުވަހު ގޮޅީގައި އޮތުމަށްފަހު އަހަރެން ދޫކޮށްލިއެވެ.

އެދުވަހު މަންމަ ގުޅާފައި އަހަރެން ކައިރީގައި ރޮއި ހޭރުނެވެ. އަހަރެން ކަހާތަން ހިރުވާ ވެސް ނުލިއެވެ. ދުނިޔެއާވެގެން ދުއްވައިގަތީމެވެ. ޖެހިގެން އައި ހަފުތާގައި އަހަރެން ދިރިއުޅޭ ފްލެޓަށް ފުލުުހުން ރެއިޑެއް ޖެހިއެވެ. މަސްތުވާތަކެއްޗާއެކު އަހަރެން އަނެއްކާވެސް ހައްޔަރުކުރިއެވެ. ނަމަވެސް 14 ދުވަހު ގޮޅީގަ އޮތުމަށްފަހު އަނެއްކާ ވެސް އަހަރެން މިނިވަންވިއެވެ.

އަހަރެންގެ އުޅުމަކަށް ކުޑަވެސް ބަަދަލެއް ނާދެއެވެ. ގެންނަން ހިޔާލަށް ވެސް ނާދެއެވެ. ޖާހިލުކަމުގެ އެންމެ އަދިރި ކިއްލާގެ ރަސްގެފާނަކީ އަހަރެންކަމަށް ކަނޑައަޅާ ނިންމާ އެ ކިއްލާގައި ރަސްކަން ކުރަމުން އަހަރެން ދުނިޔެއެއް އާޚިރަތެއް ނުބަލަމެވެ.

އަހަރެންނާއި އަހަރެންގެ އަންހެނުން ޔަޝް (އަސްލު ނަމެއް ނޫން) ދިމާވީ ހުޅުމާލޭގައި އޮތް ސައިކަލު ބުރެއް ނިންމާފައި މާލެއައި ފެރީ މަތިންނެވެ. އެ ބައްދަލުވުން ވެގެން ދިޔައީ ހަޔާތުގައި މުހިންމު ބައްދަލުވުމަކަށެވެ. ނަމަވެސް އަހަރެން އޭނާއަށް އަހަރެންގެ އަސްލު އޮޅުވާލީމެވެ. އަހަރެންނަކީ ވިޔަފާރިވެރިއެއް ކަމަށް ބުނީމެވެ. ޔަޝްއާއި އަަހަރެންގެ ގުޅުން ދުވަހެއް ދުވަހަށް ބަދަހިވަމުން ދިޔައެވެ. ކައިވެންޏާ ހަމައަށް ޔަޝްގެ ވިސްނުން ދާން ފެށުމުން އަހަރެން ފަސްޖެހުނީމެވެ.

ދޮގާއި މަކަރުގެ ތެރެއިން ޔަޝްއަށް އިތުރަށް އޮޅުވާލަން ބޭނުން ނުވާތީވެ، އަހަރެންގެ ހަގީގަތް ޔަޝްއަށް ކިޔައިދިނީމެވެ. ޔަޝް އަހަންނާ ގުޅިގެން އުޅެން ޔަޝްގެ އާއިލާގެ އެންމެ މީހެއް ވެސް ގަބޫލެއް ނުވިއެވެ. ނަމަވެސް ޔަޝް އަހަރެންނާ ދޭތެރޭ ކުރި ޔަގީންކަމަކާއެކު ޔަޝްގެ އާއިލާ ދޫކޮށް އަހަރެންނާ ކައިވެނި ކުރިއެވެ.

ޒަވާޖީ ހަޔާތަކީ ކޮބައިކަން ވެސް އަހަރެން ނުވިސްނަމެވެ. ނަމަވެސް ޔަޝްއާއި އަހަރެން ކައިވެނި ކުރީ ހަމަ ހަގީގީ ލޯބިވާތީއެވެ. ޔަޝްގެ ހެޔޮ ނަސޭހަތް އަހަރެންގެ ކަންފަތުގައި ޖެހެން ނެގީ މަދު ދުވަސްކޮޅެކެވެ. އެ ނަސޭހަތްތަކުގެ އަޑު އެހުން އަހަންނަށް ވީ ބޮޑު ތުރާލަކަށެވެ. އެހެންކަމުން ގޭގައި މަޑުނުކޮށް ބޭރުގައި އަބަދު އުޅެން ފެށީމެވެ.

ހަލާލު ގޮތުގައި ލާރި ހޯދާނެ މަގެއް އަހަރެން ދަހެއް ނުކުރަމެވެ. އެހެން ކަމުން ހަލާލު އަނބިމީހާއަށް ވެސް އަހަރެން ކާންދިނީ އަހަރެން ހޯދާ ހަރާމް ފައިސާއެވެ. މާލެ ތެރެ ހާޑުވެ އަނެއްކާވެސް މާރާމާރީތައް ފުލުފުލުގައި ހިންގަން ޖެހުނެވެ. ގޭންގުގެ އެންމެ ކުޅަދާނަ މޭސްތިރިއަކީ އަހަންނެވެ. އަހަރެން އަތުން މަރުވީ ކިތައް މީހުންކަމެއް ޒަޚަމްވީ ކިތައް މީހުންކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ.

އަނެއްކާވެސް ތޫނު ހަތިޔާރާއެކު މަގުމަތިން އަހަރެން ހައްޔަރުކުރިއެވެ. މުއްދަތު ޖަހަމުން ގޮސް 2 މަސް ދުވަހު ގޮޅީގައި އޮތުމަށް ފަހު ކޯޓުން އަހަރެން ދޫކޮށްލީ މާލެ ބަންދަށް ޝަރުތުކޮށެވެ. ގެޔަށް ދިޔައިރު އަންހެނުން އަހަރެންގެ އިންތިޒާރުގައި ގޮނޑިއެއްގައި އިނެވެ. އަހަރެންނަށް ޔަޝް ފެނުުމުން ދެރަ ވެސް ވިއެވެ. މިވީ 2 މަސް ދުވަސް ތެރޭ 2 އިރަށް ޔަޝްގެ އަރުން ކާއެއްޗެއް ދިރުނު ނަމަވެސް އަލްޙަމްދުﷲ ޝުކުރެވެ.

ފެންކަޅިވެ ހުރެ އަހަރެން ގައިގައި އޮޅުލައިގަތެވެ. އަދި އެ ވަގުތު ޔަޝް އެ ދިން ޚަބަރުން އަހަރެންގެ ހިތާއި ސިކުނޑި ހުއްޓުނު ކަހަލައެވެ. އުފަލުންނެވެ. އާނއެކެވެ. ޔަޝްގެ ބަނޑަށް 2 މަހާއި ދުވަސްކޮޅެކެވެ. އަަހަރެން ބައްޕައަކަށް ވަނީއެވެ. ހުރި އުފާވެރިކަމެއްގެ ބޮޑު ކަމާއެވެ.

އަހަރެން އުފަލުން ނަށަން ފެށީމެވެ. އަދި ވަރަށް މީރުކޮށް ކައްކަން ބުނެފަ ފެންވަރަން ވަނީމެވެ. ދެމަފިރިން އެކުގައި ކައިގެން އެނދަށް އަރާ ޖައްސާލީމެވެ. އެއަށްފަހު ޔަޝް އެ ދެއްކި ވާހަކަތަކުން އަހަރެން ބަސް ހުއްޓުނެވެ. އަހަރެން އަމާން ދޭން މަޖުބޫރުވި ކަހަލައެވެ. މިއަށް ހިލަ ހިތް ވިރިގެން ދިޔައެވެ. ޖާހިލުކަމުގެ ކިއްލާގައި ނިދާފައި އޮތް އަހަރެންގެ ސިކުނޑި ހޭލައްވާލިއެވެ.

އަހަރެން ގެންނަ ހަރާމް ފައިސާގެ އެންމެ މިންވަރެއް ވެސް ނުކާނެ ކަމަށާއި، ބަނޑުގައި އޮތް ދަރިފުޅަށް އޭގެ އެއްވެސް އަސަރެއް ކުރަން ނޭދޭނަމަ އަހަރެން ހަރާމުގެ މަގުން ހަލާލުގެ މަގަށް ރުޖޫއަވުމަށް ޔަޝް ދައުވަތު ދިނެވެ. އަދި ވީ އެންމެ އަވަހަކަށް ރަނގަޅު ވަޒީފާއަކަށް ދިޔުމަށާއި، ވަގުތީ ގޮތުން ޔަޝްގެ އާއިލާ ގެ ގާތަށް ބަދަލުވާން އެދުނެވެ. އަދި އަހަރެން ހަލާލު މަގުގައި ކޮޅަށް ތެދުވުމުން އަހަރެން އެދުނު ތަނަކަށް ދާނެކަމަށް ވެސް ޔަޝް ބުންޏެވެ. ﷲގެ ހިދާޔަތަށް އެދި އަޅުކަން ކުރުމަށާއި، ލޯބިވާ ދަރިފުޅުގެ ހައްގުގައި ނަމާދު ގާއިމުކޮށް ދުއާ ކުރުމަށް ޔަޝް ހިތްވަރު ދިނެވެ.

އަހަރެން އެއްވެސް ބަހެއް ނުބުނެ އޮތީމެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އަހަރެން ނިސްބަތްވާ ގޭންގުގެ އެންމެ ބޮޑު މީހާއާ ބައްދަލުކޮށް އަހަރެން މި މަގު ދޫކޮށްލަން ބޭނުންކަމަށް ބުނީމެވެ. ބުރޯ ބުނީ "ބުރޯއަށް ވަންޏާ ހަމަ އޯކޭ. ތިއީ އަބަދުވެސް މި ހިސާބުގެ މީހެއް" ކަމަށެވެ. އެ ހިސާބުން އަހަރެން ގެންގުޅޭ ޖީއެން ސައިކަލުވެސް ދީފައި، އަހަރެން ގެޔަށް ހިނގައިގަތީ ވަރަށް ވަރުގަދަ އަޒުމެއްގައެވެ.

ގެޔަށް ވަނުމުގެ ކުރިން އަހަރެންގެ ޒަމާންވީ ރައްޓެއްސަކާއެކު ކޮފީއަކަށް އެރީމެވެ. އެއީ ސުކޫލުގައި އުޅުނު އިރުވެސް އަހުލާގު ރަނގަޅު ދަރިވަރެކެވެ. އަހަރެން ވެގެން އުޅޭގޮތް ސާފުކޮށް ކިޔައިދީ ނިންމުމުން ދެދުނިޔޭގައި ވެސް އަހަރެންގެ އެކުވެރިޔަކަށް ވާނެ އެ މިތުރު ، އަހަންނަށް އޭނާގެ ކުންފުނިން ވަޒީފާއަކަށް ދައުވަތު ދިނެވެ. އަދި މުސާރައަކަށް 15000 ރުފިޔާ ހުށަހެޅިއެވެ.

ކުރިން 15000 ރުފިޔާއަކީ އަހަރެންގެ ޕޮކެޓް މަނީއެވެ. ނަމަވެސް ހިތްވަރުކޮށް އެ ވަޒީފާ ގަބޫލުކޮށް، ޖެހިގެން އަންނަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނަށް އެއްބަސްވީމެވެ. އަދި ޝުކުރުވެރިވުމުގެ ގޮތުން އެކުވެރިޔާއާ ސަލާމް ކޮށްލުމަށް ފަހު ގެޔަށް ދިޔައީމެވެ. ގެޔަށް ދިޔައިރު، އަނެއްކާވެސް އަންހެނުން އަހަންނަށް މަރުހަބާ ކީ ކަރުނައިން ފޯވެފައިވާ ދެލޮލާއެކުއެވެ. އަތުގައި ގަނޑެއް އޮތެވެ.

އެއީ ކްރިމިނަލް ކޯޓުން އަހަންނަށް ފޮނުވާފައިވާ ޗިޓެކެވެ. "ޓެރަރިޒަމްގެ ދައުވާ" ދައުލަތުން އަހަރެން މައްޗަށް އުފުލާ އޭގެ ޝަރީޢަތަށް އަހަރެންނަށް ދީފައިވާ ދައުވަތުގެ އަމުރެވެ.

އަހަރެން އަންހެނުން ގެނެސް ގަޔާ ބޮނޑި ކޮށްލީމެވެ. އަދި އެ ދައުވާއިން އަހަރެން ސަލާމަތް ވާނެކަމާއި، ހިތްވަރު ކުރުމަށް އެދުނީމެވެ. އަދި އަހަރެންގެ އާ ވަޒީފާގެ ވާހަކަ އަދި އަހަރެން އިސްލާހުވާން ބޭނުން ވާހަކަ ބުނީމެވެ. ޔަޝްގެ މޫނުމަތިން ފެންނަން ހުރި މާޔޫސްކަން ފިލައި ދިޔައީ ކުއްލިއަކަށެވެ. އަދި އަހަރެންގެ އަތް ގެންގޮސް ބަނޑުގައި ޖައްސާފަ މި ދަރިފުޅު ކިހާ ރަނގަޅު ހޭ؟ ބުނެލިއެވެ.

އަހަރެންގެ އާ ދިރިއުޅުން އަހަރެންނާ ބައްދަލުކުރިއެވެ. ހިނގާފައި ވަޒީފާއަށް ދާން ފެށީމެވެ.މަސް ނިމުމުން ކުޑަ ކޮޓަރިއަކަށް ބަދަލުވީމެވެ. ދެމަފިރިންގެ ލޯބީގެ ހަޔާތް އަލިވެ ރޯޝަން ވަމުން ދިޔައީ ﷲގެ މަދަދުވެރިކަމާއި އޯގާވަންތަ ކަމާއެކުގައެވެ. އަހަރެންނަކީ ފިރިއެކޭ ބުނުމުގެ ބަދަލުގައި ޔަޝް ބުނަނީ ހެޔޮލަފާ ޞާލިހު ފިރިއެކެވެ.

މިހުރިހާ ކަމެއްގެ ތެރެއިން ކޯޓުގައި ޝަރީޢަތް ހިނގަމުން ދެއެވެ. ހުރިހާ ކަމެއްވެސް ސިކުނޑީގެ ތެރޭގައި އަބަދުވެސް އެނބުރެއެވެ.

މާލެ ތެރެ ހާޑްވެ ގޭންގްތަކުން މާރާމާރީ ފެށުމުން އަހަރެން ވެސް އޮންނަން ޖެހެނީ ގޭގައި ފިލައެވެ. އަންހެނުން ގޮވައިގެން ޑަކްޓަރަށް ދާން ވެސް ޖެހިލުންވެއެވެ. ކުރިން އުޅެވިފައި ހުރިގޮތުން ލޭބަލް ވެފައި ވަނީ ވަކި ގޭންގަކަށް ނިސްބަތްވާ މީހެއްގެ ގޮތުގައެވެ.

އެއް މައްސަލަ ނުނިމެނީސް ދައުލަތުން އަހަރެންގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފިއެވެ. އެ ވާހަކަ އަހަރެން ޔަޝްއަށް ސިއްރު ކުރީމެވެ. ވިހަން ތައްޔާރުވެފައިވާ އަންހެނުންނަށް އިތުރު ތަކުލީފެއް ދޭން އަހަރެންގެ ހިތް އެއްބަހެއް ނުވިއެވެ.

ދެ މައްސަލައިގެ ޝަރީޢަތްތައް ބާރު ސުޕީޑުގައި ކުރިޔަށް ދިޔައިރު، އަހަރެންނަށް ވަކީލެއް ލިބުނީ ވެސް މިހާރުގެ އަަހަރެން ވަޒީފާ އަދާކުރާ ތަނުގެ ވެރިމީހާގެ އެހީގައެވެ.ކުރިން އުޅުނު ގޭންގުން  އަހަރެން ބުނެފިނަމަ ޔަގީނުން ވެސް މި ހުރިހާ ކަމެއް ހަމަޖައްސަ ދޭނެއެވެ. އެހެނަސް އެކޮޅަށް ފިޔަވަޅެއް އެޅިއްޖެނަމަ ޔަޝްއަށް ބޭވަފާތެރި ވެވުނީއެވެ. އަދި އެ ކިއްލާއަށް ވަންނަން ބޭނުން ނުވަނީއެވެ.

އަންހެނުންގެ ބަނޑަށް 9 މަސް ފުރި ވިހަން ތައްޔާރު ވެފައިވާއިރު ޖެހިގެން އަންނަ ހަފުތާގައި އަހަރެންނާއި ދެކޮޅަށް ކޮށްފައިވާ ދައުވާއެއްގެ ހުކުމް ކުރުން އެބަ އޮތެވެ. ފުލުހުންގެ ހެކިބަހުން އަހަރެންގެ މައްޗަށް އެ މައްސަލަ ސާބިތުވެއްޖެ ނަމަ މަދުވެގެން 13 އަހަރުގެ ހުކުމެއް އަހަރެންނަށް އަންނާނެއެވެ.

އެނދުގައި ނިދާފައި އޮތް ޔަޝްއާ ދިމާއަށް ބަލާލެވޭ ކޮންމެ ފަހަރަކު އަހަރެންނަށް ރޮވެނީ އެހެންވެއެވެ. ބައްޕައަކަށް ވުމުގެ ޝަރަފާއި އުފާ ލިބެން ތައްޔާރުވެފައިވާއިރު، އަހަރެން އެ ދަރިއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އެ ދަރިފުޅުގެ ބައްޕައަށް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ އެ ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ހުރެމެ ޔަތީމުވީއެވެ. ފިރިއަކު ހުރެ ޔަޝް ހުވަފަތް ވާނެއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

ލޯބިވާ ޔަޝްއެވެ. އަހަރެން މާދަމާ ކުރިމަތިލާން މި ޖެހެނީ މުޅިން އެހެން ހަނގުރާމައަކާއެވެ. އަހަރެންގެ ޅަ އުމުރާއި، ޒުވާން އުމުރު ހޭދަކުރި ގޮތުން މާދަމާ އަހަރެން މިޖެހެނީ އެކަމުގެ އަގު ދައްކަން ތައްޔާރުވާށެވެ. ޣާފިލުކަމާއި، ފާހިޝްކަމާއި، މުންކަރާތްތަކަށް އަރައިގަނެ، ﷲ ހަރާމްކުރެއްވި ކަންކަމުގެ ތެރޭގައި އުޅުމުގެ ނަތީޖާއެވެ. ޖާހިލު ކަމުގެ ކިއްލާގައި އަހަރެން ރަސްކަން ކުރަމުން ދިޔައިރު އަހަރެންނަށް ކުޑަކޮށްވެސް މިދުވަސް އައިސްދާނެކަމަށް ހިޔާލަށް ނާދެއެވެ. މައިންބަފައިންގެ ހެޔޮ ދުއާއާއި ނަސޭހަތް އަޑު ނާހައި ބީރު ކަންފަތަށް އެރިއިރު އެމީހުންގެ ހެޔޮ ދުއާއަކީ ކިހާ މުހިންމު އެއްޗެއްކަން އޭރު ވިސްނަން ވެސް އަހަރެން ބޭނުން ނުވިއެވެ.

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަށްޓަކައި މި ބައްޕަ ބަދަލުވީމެވެ. ވިޔާނުދާ، ޕާޓޭ ލައިފް ދޫކޮށް ހެޔޮލަފާ ދިރިއުޅުމެއް ފެށީ ތިޔަ ލޯބިވާ ދަރިފުޅަށްޓަކައެވެ. ދަރިފުޅަށް ހަލާލު ގޮތުގައި ނޫނީ ބައި ރުފިޔާއެއް ދޭންވެސް ބައްޕަ ބޭނުން ނުވަމެވެ. ބައްޕަގެ ދިރިހުރުމުގެ އުންމީދަކީ ތިޔަ ލޯބިވާ ދަރިފުޅާއި، ދަރިފުޅުގެ މަންމައެވެ. ދަރިފުޅަށްޓަކައި ބައްޕަ ބަދަލުވިނަމަވެސް ބައްޕަގެ ކުރީގެ ދިރިއުޅުން ބައްޕަ ފަހާ ދުވަނީއެވެ. އެ ދިރިއުޅުމުން ބައްޕައަށް އަދަބެއް ލިބިއްޖެ ނަމަ ދަރިފުޅާ ދުރުގައި ބައްޕަ ހުންނަން ޖެހޭނީ ކިހާ ދުވަހަކު ކަމެއްވެސް ބައްޕައަކަށް ނޭންގެއެވެ. ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!