ޚަބަރު

ޖެނުއަރީ މަހު މީރާއިން 1.79 ބިލިއަން ރުފިޔާ ބަލައިގަނެފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި އަހަރުގެ ޖެނުއަރީ މަހުގައި މީރާއަށް 1.79 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

Ads by STELCO

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 1.2% ދަށް އަދަދެއް ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނެފައި ވަނީ ޖެނުއަރީ 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު 2021 ޖެނުއަރީގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް ކުރިޔަށްވުރެ މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވުމެވެ.

މިގޮތުން، ގްރީން ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށް މީރާ އިން ބުންޏެވެ. ނަމަވެސް، ޓޫރިޒަމް ދާއިރާގެ އިޤްތިސާދު މިހާރު ރަނގަޅުވަމުން ދާތީ، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުން އަންނަ ކަމަށް މީރާއިން ފާހަގަކުރިއެވެ.

މިދިޔަ ޖެނުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 43.4% ނުވަތަ 777.46 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ %41.0ނުވަތަ 734.60 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 57.35މިލިއަން ރުފިޔާ (3.2%)، ޓޫރިޒަމް ލޭންޑް ރެންޓް ގޮތުގައި 52.34 މިލިއަން ރުފިޔާ (2.9%)، ބީ.ޕީ.ޓީގެ ގޮތުގައި 45.57 މިލިއަން ރުފިޔާ (2.5%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 123.35 މިލިއަން ރުފިޔާ (6.9%) ހިމެނެއެވެ.

މީގެ އިތުރުން ޖަނަވަރީ 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.01 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް މީރާއިން މައުލޫމާތުދެއެވެ. 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!