ލައިފްސްޓައިލް

އެކުވެރިޔާއެވެ. އެކުވެރިއަކަށް އަހަރެން އެންމެ ބޭނުންވި ދުވަހު ތިބާ ކޮބައި ހެއްޔެވެ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެކުވެރިޔާއެވެ. ތިއީ އަހަރެންގެ ހުރިހާ ވާހަކަ ތަކެއް އަބަދު ވެސް ހިއްސާ ކުރާ ސިއްރުވެރިޔާއެވެ. އަހަރެންނަށް ކޮންމެ ކަމަކާ ކުރިމަތި ވިޔަސް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ މަދަދުވެރިޔާއެވެ. އަހަރެން ދެރަވެފައި ހުރެއްޖެ ނަމަ އަހަރެން އުފާ ކޮށްދިނުމަށް ވަގުތު ހުސްކުރާ އެކުވެރިޔާއެވެ. އަހަރެން ކަމަކު ބުނެފި ނަމަ ކިތަންމެ އަވަދިނެތި އުޅެމުން ވެސް އެކަން ކޮށްދޭ އެހީތެރިޔާއެވެ.

Ads by Sosun Fihaara

ކޮންމެ ދުވަހަކުމެ ދެމީހުން އެކުގައި އެތައް ވަގުތު ހޭދަ ކުރަމެވެ. ދެމީހުން އެކަކު އަނެކަކަށް ދިމާވާ ހުރިހާ ކަމެއްހެން ދިޔައީ ހިއްސާ ކުރަމުންނެވެ. އަހަރެންގެ އުފަލަކީ ތިބާގެ ވެސް އުފާ ކަމުގައި ދުށީމެއް ނޫން ހެއްޔެވެ. އަދި އަހަރެންގެ ހިތާމަ އަކީ ވެސް ތިބާގެ ހިތާމަ ކަމުގައި ދުށީމެއް ނޫން ހެއްޔެވެ. އަހަރެންނަށް ކިރިޔާވެސް އަނިޔާ އެއް ވެއްޖެ ނަމަ އަބަދުވެސް އަހަރެންނާ މެދު ހާސް ވެގެން އުޅުނީމެއް ނޫން ހެއްޔެވެ. އަހަރެން އުފާވެފައި ހުރެއްޖެ ނަމަ ދެމީހުން އެކުގައި އެކަމެއް ފާހަގަ ކުރަމެއް ނޫން ހެއްޔެވެ.

އެކުގައި ކޮފީ ތަކުގައާއި ފިނި ބުރުތަކުގައި ހޭދަ ކުރި ވަގުތުތައް އެކުވެރިޔާ ހަނދާން ވޭ ހެއްޔެވެ؟ ދެމީހުން އެކުގައި ޖެހި ސަކަރާތްތައް ހަނދާން ވޭ ހެއްޔެވެ؟ ހަނދާން ވާހެނެއް އަހަރެންނަކަށް ހިއެއް ނުވެއެވެ. އެހެނީ މިއަދު އެހުރިހާ ކަމެއް ވަނީ މާޒީވެ ގޮސްފައެވެ. އެހުރިހާ ކަމެއް މިއަދު ވަނީ މާޒީގެ ހަނދާންތަކާ ގުޅި ލާމެހިފައެވެ. ވީ ގޮތެއް ވެސް އަންގާ ނުލާ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހަންނާ ވަކިވީ އެވެ.

އެކުވެރިޔާއެވެ. މައްސަލަ އަކީ ކޮބައި ހެއްޔެވެ؟ އަހަރެންނަށް ކުރެވުނު ކުށަކީ ކޮބައި ހެއްޔެވެ؟ އަހަރެންނަށް ހެދުނު ގޯހަކީ ކޮބައި ހެއްޔެވެ؟ އެކުވެރިޔާ ހިތްހަމަ ނުޖެހޭފަދަ ކަމެއް ކުރެވުނީ ހެއްޔެވެ؟ ނުވަތަ ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވުނީ ހެއްޔެވެ؟ އެކުވެރިޔާގެ ހައްގަކަށް އަރައި ގަނެވުނީ ހެއްޔެވެ؟ އެކުވެރިޔާ އެދުނު އެއްވެސް ކަމެއް އަހަރެންނަށް ފުއްދައި ނުދެވިފައި ވަނީ ހެއްޔެވެ؟ އެކުވެރިޔާއެވެ. މިއީ އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލު ތަކެކެވެ.

އެކުވެރިޔާއެވެ. އެންމެ ފަހަރަކުވެސް އަހަރެންގެ ގާތުގައި ވީގޮތެއް ބުނެދީބަލާށެވެ. އަހަރެންނާ ތިބާ ދުރުވާން ޖެހުނު ސަބަބެއް ކިޔައި ދީ ބަލާށެވެ. އަހަރެމެން ދެމީހުންގެ ޒަމާންވީ ރަހުމަތްތެރިކަމުގައި ކޮޅުފައިން ޖަހައި ދާން ޖެހުނު ސަބަބެއް ބުނެދީ ބަލާށެވެ. ދެމީހުން އެކުގައި ހޭދަ ކުރި ވަގުތު ތަކުގެ އަގެއް ނެތުނު ސަބަބު ބުނެދީ ބަލާށެވެ. އަހަރެން ތިބާއަށް ޓަކައި ކޮށްދިން ހުރިހާ ހެޔޮކަމެއް ތެޔޮ ހަމަކަށް ބަދަލު ވީ ސަބަބު ބުނެދީ ބަލާށެވެ. އަހަރެމެންގެ ޒަމާންވީ ރައްޓެހިކަން ބީރައްޓެހިކަމަށް ބަދަލުވީ ސަބަބު ބުނެދީ ބަލާށެވެ. އަހަރެން ތިބާއަށް ޓަކައި ކޮށް ނުދީ އޮތް ކަމެއް ބުނެދީ ބަލާށެވެ.

އާނއެކެވެ. ދުނިޔެ އެނބުރެނީ ތޮށަލި ދުޅައަށޭ ބުނާ އަޑު އަހަރެން ވެސް އަހަމުއެވެ. ނަމަވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހަރެންނާ ދުރުވާނެ ކަމަކަށް އަހަރެން ދުވަހަކު ވެސް ހިއެއް ނުކުރަމެވެ. އަދި އެކަން އެހެން ވާން ޖެހުނު ސަބަބެއް ޚުދު އަހަރެންނަކަށް ވެސް ނުވިސްނުނެވެ.

ޒަމާންތައް ބަދަލުވާ ވަރަކަށް އަހަރެންގެ ދިރިއުޅުމުގައި ތިބި އެތައްބަޔަކު ވެސް ބީވެގެން ހިނގައްޖެއެވެ. ނަމަވެސް އަހަރެންނާ އެކު އެއްތަށިން ކައި އެތައް ތަނަކަށް އެކުގައި ގޮސް އެތައް ސަކަރާތެއް އެކުގައި ޖެހި އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ އަހަރެން ދޫކޮށް ދުވަހަކު ވެސް ނުދާނެ ކަމަށް އަހަރެން ހީކުރީމެވެ. ނަމަވެސް ކަންވީ އެނެއް ނޫނެވެ.އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކުއްޅަވައްފަލު ރަނިންނަށްވެ އަހަރެމެން ދެމީހުންގެ ރަހުމަތްތެރިކަން ވެއްޔާ މޮޑެވިގެން ދިޔައީއެވެ.

އެކުވެރިޔާއެވެ. މިއަދު އަހަރެން ހުރީ ހެޔޮހާލުގައިތޯ ނުވަތަ އަހަރެން އޮތީ މަރާ ހަނގުރާމަ ކުރަން ބަލި އެނދުގައިތޯ ވެސް ތިބާ ބަލާލިން ހެއްޔެވެ؟ އަހަރެން ދިރިއުޅުމަށްޓަކައި ހަނގުރާމަ ކުރަމުން ދާއިރު އަހަރެން ބަލިވެއްޖެ ނަމަ އަހަރެންނަށް އެންމެ އަޅާލި އެންމެ އޯގާތެރިވި އެކުވެރިޔާ ކޮބައި ހެއްޔެވެ؟ މިއަދު އަހަރެން ތިޔަ އެކުވެރިޔާގެ އެހީތެރިކަން އިންތިހާއަށް ބޭނުމެވެ. ނަމަވެސް އެކުވެރިޔާގެ ކުރިމަތީގައި އަހަރެންނަކީ އެއްވެސް އަގެއް ހުރި މީހަކަށް ނުވިއެވެ. ބިމު ހުރި ވެއްޔަށް ވުރެ ވެސް އަހަރެންގެ އަގު ތިޔަ އެކުވެރިޔާގެ ގާތުގައި ހަމަ ދަށީ ހެއްޔެވެ؟ މަގުމަތިން ހިނގާފައި ދާއިރު އެކަކު އަނެކަކު ގައިގައި ޖެހި ވެއްޓުނަސް ފެންނަ ކަމަށް ވެސް ނުހަދާ ތިޔަ ދަނީ ފަހެ އަހަރެންނަކީ ތިބާގެ ކުރިމަތީގައި އެހާވެސް ވިހަ އެއްޗަކީ ހެއްޔެވެ؟ ހަމަ އެހާ ވެސް އަހަރެންދެކެ ތިބާ ފޫހި ވެއްޖެ ހެއްޔެވެ؟

އާދޭސް ކޮށްފައި ބުނަމެވެ. އެންމެ ފަހަރަކު ނަމަވެސް އަހަރެންނާ ވާހަކަ ދައްކާލަ ބަލާށެވެ. އަހަރެންގެ ފޯންކޯލް ތަކަށް އެންމެ ފަހަރަކު ވެސް ޖަވާބު ދީ ބަލާށެވެ. އަހަރެންގެ މެސެޖު ތަކަށް އެންމެ ފަހަރަކު ނަމަވެސް "ރިޕްލައި" ކޮށްލަ ބަލާށެވެ. އެކުވެރިޔާއެވެ. މިއަދު އަހަރެން އެކަނިވެރި ވެއްޖެ އެވެ. އަހަރެންނަށް މަގު ދައްކައިދޭން ހުރި އަހަރެން ކުރި ދަތުރުގެ މާލިމީ ނެތުމުގެ ސަބަބުން މިއަދު އަހަރެން މުޅިން މަގު އޮޅިއްޖެއެވެ. އެކުވެރިޔާ އަހަރެން ދޫކޮށް ދިއުމުން އަހަރެންގެ މުޅި ދިރިއުޅުން އަނދަވަޅަކަށް ވެއްޓިއްޖެއެވެ.

ހަމަ ޔަގީނުންވެސް އަހަންނަށް އެނގޭ ކަމަކީ އަހަރެން މި އަނދަވަޅުން އަރައިގަތުމަށް ޓަކައި އަހަރެން ތިޔަ އެކުވެރިޔާގެ އެހީތެރިކަމުގެ އަތެއް ބޭނުންވާ ކަމެވެ. ތިޔަ އެކުވެރިޔާގެ ލޯތްބާ އަޅާލުން އަހަރެން ބޭނުންވާ ކަމެވެ. އަހަރެންގެ މަދަދުވެރިޔާ ކައިރީގައި ވުމަށް އަހަރެން އެދޭކަމެވެ. އަހަރެންގެ ހުރިހާ ވާހަކައެއް ހިއްސާ ކުރާ ސިއްރުވެރިޔާއަށް ކިޔައިދޭން ބޭނުންވާ އެތައް ވާހަކައެއް ހުރިކަމެވެ. އަހަރެންގެ ދިރިއުޅުން އަބަދުވެސް އުޖާލާކޮށްދޭ އެކުވެރިޔާގެ އަލިކަން އަހަރެންގެ މި އަނދިރި ބަނަ ދިރިއުޅުމަށް ބޭނުންވާ ކަމެވެ.

ނަމަވެސް މިއަދު ކޮންމެ ސަބަބަކާހުރެ ތިޔަ އެކުވެރިޔާ އަހަރެންގެ ގާތުގައި ނެތް ނަމަވެސް އަހަރެންގެ ހިތް އަބަދުވެސް ތިޔަ އެކުވެރިޔާއަށް ޓަކައި ބޯ ކިރުކޮޅެއްހާ ސާފެވެ. ތިޔަ އެކުވެރިޔާ އަހަރެންގެ ގާތުގައި މިއަދު ނެތްކަމުގައިވިޔަސް ތިޔަ އެކުވެރިޔާ އަހަރެންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި އަހަރެން އަބަދުވެސް ތިޔަ އެކުވެރިޔާއަށް ޓަކައި ހުންނާނަމެވެ. ނަމަވެސް މިއަދު އަހަރެން ކުރާ ޝަކުވާ އަކީ މިއީއެވެ. މިއަދު ތިޔަ އެކުވެރިޔާ ކޮބައި ހެއްޔެވެ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!