ދީން

ފުރާނަ ގެންދަވާއިރު ސަޖިދައިގެ މަޤާމުގައި އޮތުމުގެ ތައުފީގަށް އެދި ދުޢާ ކުރެއްވި ޝެއިޚެއްގެ ދުޢާ އިޖާބަ ކުރެއްވި ގޮތުގެ ވާހަކަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިޞްރުގެ އެލެކްޒެންޑްރިއާ އަށް އުފަން ޝެއިޚް އަބްދުލްޙާމިދު ކިޝްކްގެ ބައްޕާފުޅު އަވަހާރަވުމުން، އެކަލޭގެފާނު ބޮޑުވީ ޔަތީމެއްގެ ގޮތުގައެވެ.

Ads by Hajj Corporation

އުމުރުފުޅުން އެންމެ 10 އަހަރުގައި ޝެއިޚް ކީރިތި ޤުރްއާން އެއްކޮށް ހިތުދަސް ކުރެއްވިއެވެ.

ފުރާވަރު އުމުރުފުޅުގައި ސިއްޙީގޮތުން ހާލުކޮޅު ދެރަވެ، ޝެއިޚްގެ ލޮލުގެ ފެނުން ގެއްލުނެވެ. ނަމަވެސް އެކަލޭގެފާނަކީ ދީނީ ކަންކަމުގެ ޢިލްމު ވަރަށް ފުރިހަމައަށް ލިބިލެއްވި ބޭފުޅެކެވެ.

އަލް އަޒްހަރް ޔުނިވާސިޓީން ދަސްވެނިވުމަށްފަހު، މިސްކިތެއްގެ އިމާމެއް ކަމުގައިވިއެވެ. އަދި 1957 ވަނަ އަހަރު ޝެއިޚް އެނބުރި އަލް އަޒްހަރް ޔުނިވާސިޓީއަށް ވަޑައިގެންނެވީ އެތަނުގެ ލެކްޗަރާއެއްގެ ގޮތުގައެވެ.

އެއަށްފަހު އައީން އަލްޙަޔާތު މިސްކިތުގައި 1964ވަނަ އަހަރުން ފެށިގެން ދީނީ އެކިއެކި ދަރުސްތައް ދެއްވަމުން ގެންދެވިއެވެ. ޝެއިޚް އަބްދުލްޙާމިދު ވެގެންދިޔައީ އެޒަމާނުގައި ދީނާމެދު ދަރުސްތައް ދެއްވި އެންމެ ކުޅަދާނަ އެއް އިމާމެއްގެ ގޮތުގައެވެ.

ނަމަވެސް އެކަމާމެދު ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހިގެން، ޝެއިޚަކީ ހުރި ނުރައްކަލެއް ކަމަށާއި ރައްޔިތުންގެ ބޮލަށް ވަސްވާސްދޭ މީހެއްކަމަށް ތުހުމަތުކޮށް، 1965 ވަނަ އަހަރު ޝެއިޚް ޖަލަށް ލިއެވެ. ދެ އަހަރާއި ހަ މަސް ދުވަސް ޖަލުގައި ހޭދަ ކުރެއްވުމަށްފަހު ޝެއިޚް މިނިވަން ކުރިއެވެ. ނަމަވެސް ޝަރުތެއްގެ ގޮތުގައި ބުނީ ދީނީ ދަރުސްތައް ނުދެއްވުމަށެވެ.

ޝެއިޚްގެ މަޝްހޫރުކަމުން އެމަނިކުފާނު ވެގެންދިޔައީ ބައެއް މީހުންނަށް ކުރިމަތިވި ނުރައްކަލެއްގެ ގޮތުގައެވެ. އެހެންކަމުން 1981 ވަނަ އަހަރު އަންވަރު ސަދާތު އަނެއްކާ ވެސް ޝެއިޚް އަބްދުލްޙާމިދު ޖަލަށް ލެއްވިއެވެ. އެމަނިކުފާނު މިނިވަންވީ ހުސްނީ މުބާރަކްގެ ވެރިކަމުގައެވެ.

އިމާމެއްގެ ގޮތުގައި ދިރިއުޅުއްވުމަށާއި އިމާމެއްގެ ގޮތުގައި ހުންނަވަނިކޮށް މަރު ގެންދެވުމަށާއި ޤިޔާމަތް ވުމުން ކައްވަޅުން ތެދުވެ ވަޑައިގަންނަވާ މަޤާމަކީ ސަޖިދައިގެ މަޤާމް ކަމުގައި ލެއްވުން އެދި ޝެއިޚް އަބްދުލްޙާމިދު އަބަދުވެސް ދުޢާ ކުރައްވަމުން ގެންދެވިއެވެ.

1996 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6ވީ ހުކުރު ދުވަހުގެ ހުކުރަށް ޝެއިޚް އަބްދުލްޙާމިދު ވަޑައިގެންނެވީ ގޭގައި ސުންނަތް ނަމާދުގެ ދެ ރަކްޢަތް ނަމާދެއް ކުރައްވާފައެވެ.

ޝެއިޚް އަބްދުލްޙާމިދު އަވަހާރަވީ އެދުވަހުގެ ހުކުރު ނަމާދުގައި ސަޖިދައިގައި އޮންނަވަނިކޮށެވެ.

  1. މުހައްމަދު

    ހާދަ ބޮޑު ނަސީބެއް އެއްލިބުނީ މައްޔިތާގެ ފާފަ ފުއްސަވާ ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާންދޭވެ