އިންސާނާ މަގުފުރައްދާ ހަތަރު ނުފޫޒު
އިންސާނާ މަގު ފުރައްދާ ހަތަރު ނުފޫޒެއް ވެއެވެ. އެއީ:
ހަވާ ނަފުސު
ۚ إِنَّ النَّفْسَ لَأَمَّارَةٌ بِالسُّوءِ إِلَّا مَا رَحِمَ رَبِّي ۚ
سورة يوسف 53
ހަމަކަށަވަރުން، نفس އަކީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ.
(ޔޫސުފް ސޫރަތުގެ 53 ވަނަ އާޔަތުން ބައެއް)
ޝައިތާނުން
إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ ﴿٦﴾
سورة فاطر 6
ހަމަކަށަވަރުން، شيطان އާއަކީ، ތިޔަބައިމީހުންނަށްވާ عداوة ތެރިޔެކެވެ. ފަހެ، އެ شيطان އާއީ، عداوة ތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ جماعة އަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهل ވެރިންގެތެރެއިން ވުމަށެވެ.
ނުބައި އެކުވެރިން
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الرَّجُلُ عَلَى دِينِ خَلِيلِهِ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ» [رواه أبو داود وحسنه الألباني]
މާނައީ: “މީހާވާހުށީ އޭނާގެ ގާތް ރަޙްމަތްތެރިޔާގެ ދީނުގެ މަތީގައެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު އޭނާ ގާތް ރަޙްމަތްތެރިންކަމުގައި ހަދަނީ ކާކުތޯ ބަލާށެވެ.”
ނުބައި އެކުވެރިންގެ ފުށުން ގެއްލުންވާކަމީ ވަރަށް ސާފުކަމެކެވެ.
ދުނިޔެވީ ދަޅަތައް
ދުނިޔެވީ ދިރިއުޅުމަކީ ވަގުތީކަމެކެވެ. ޣާފިރު ސޫރަތުގެ 39 ވަނަ އާޔަތުގެ މާނައިގައިވަނީ “އޭ އަހުރެންގެ ޤަޥްމުގެ މީހުންނޭވެ! މި ދުނިޔެވީ ޙަޔާތް ވާކަން ކަށަވަރީ ވަގުތީ އުފަލެއްކަމުގައެވެ. އަދި ހަމަ ކަށަވަރުން އާޚިރަތްދުވަހަކީ، އެއީ ދެމިހުންނަނިވި ގޮވައްޗެވެ.”
އަދި ސޫރަތު އާލިޢިމްރާނުގެ 185 ވަނަ އާޔަތުގެ މާނައިގައިވަނީ “ދުނިޔެވީ ޙަޔާތަކީ ކެހިވެރިކަމުގެ ވަޤުތީ އުފަލެއްކަމުގައި މެނުވީ ނުވެއެވެ.”
ކީރިތި ޤުރްއާނާއި ކީރިތިރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ސުންނަތުން އެނގޭގޮތުގައި ދުނިޔެއިން މި ލިބޭ ކޮންމެ ކަމަކީ އަދި ކޮންމެ އެއްޗަކީ، އުޚްރަވީ ޙަޔާތުގެ ކަންކަމާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. އަދި ދުނިޔޭގެ ނިޢުމަތްތަކަކީ، ވަގުތީ އެއްޗެކެވެ.
އިސްވެ މިދެންނެވި ނުފޫޒުތަކުގައި ޖެހި، ފާފައިގެ އޮއިވަރުގައި ބެހިގެން ނުދާށެވެ. އަބަދުވެސް ނަފުސު ޠާހިރު ކުރުމަށް މަސައްކަތް ކުރާށެވެ.
ނަފުސު ޠާހިރުކުރުމުގެ ގޮތުން މީސްތަކުންނަށް ޣީބަ ބުނެވޭ ތަންތަނާއި މީސްތަކުންގެ އަބުރު ކަތިލެވޭ ތަންތަނާއި ހުއްދަ ނޫން ބުއިންތަކާއި ފާޙިޝް އެކިއެކި އަމަލުތައް ހިންގާ ތަންތަނަށް ދިއުމުން ދުރުހެލިވާން ޖެހޭނެ އެވެ. އަދި އޭގެ ބަދަލުގައި މިސްކިތްތަކާއި ކިޔަވައިދޭ ތަންތަން ފަދަ ހެޔޮ އަމަލުތައް ކުރެވޭ ތަންތަނަށް ދިއުމަށް އާދަ ކުރަން ޖެހޭނެ އެވެ.