ކަރީނާ އާއި ސައިފް ދެވަނަ ދަރިފުޅުގެ ފޮޓޯ އާންމު ނުކުރާނެ؟

ބޮލީވުޑު މަޝްހޫރު ޖޯޑެއް ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން އަށް ދެވަނަ ދަރިފުޅެއް ލިބެން އުޅޭއިރު، އެ ދެމީހުންގެ ދެވަނަ ދަރިފުޅާއި އާއިލާގެ ޕްރައިވެސީއަށް މީޑިއާއިން އިހުތިރާމް ކުރުމަށް އެ ދެމަފިރިން އެދިއްޖެއެވެ.
ސައިފް އާއި ކަރީނާގެ އަލަތު ދަރިފުޅު ތައިމޫރް ވިހެއުމުން މީޑިއާ އާއި ޕަޕާރާޒީން ވަނީ އެ ދަރިފުޅުގެ ފޮޓޯ ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ތައިމޫރް ގެއިން ނިކުމޭތޯ ބަލަ ބަލާ ޕަޕަރާޒީން އަބަދުވެސް ތިބޭ ކަމަށްވެއެވެ.
ދެވަނަ ދަރިފުޅު ވިހަން ގާތް ވެފައި ވާއިރު ކަރީނާ ވަނީ ފޮޓޯއެއް ހިއްސާ ކުރަން ބޭނުންވާ ނަމަ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރާނެ ކަމަށާއި ފޮޓޯ ނަގަން ގިނަ މަސައްކަތް ނުކުރުމަށް އެދިފައެވެ.
ކަރީނާ ކަޕޫރު ބަނޑުބޮޑު ކަން ހާމަކުރީންސުރެ ގިނަ ބަޔަކު އަންނަނީ ކަރީނާގެ ހަރަކާތްތަކަށް ފާރަލާ، އޭނާގެ ބަނޑުބޮޑު ފެޝަން ސްޓައިލަށް އިންތިޒާރު ކުރަމުންނެވެ.
ޑޮކްޓަރުން ލަފާ ކުރައްވާ ގޮތުގައި ކަރީނާ ވިހާނީ މި މަސް ތެރޭގައެވެ. ދެވަނަ ފަހަރަށް ބަލިވެ އިނީ ވެސް އެކަމަށް ކުރިންސުރެ ތައްޔާރުވެގެން ހުއްޓާ ނޫން ކަމުގައި މީގެ ކުރިން ދިން އިންޓަވިއުއެއްގައި ކަރީނާ ބުނެފައި ވެއެވެ.