ޖިންސީ ގޯނާގެ ހާދިސާތައް ރިޕޯޓްކުރުމުގައި ސަމާލުވާން ބްރޯޑްކޮމް އިން އިލްތިމާސް ކޮށްފި
ޖިންސީ ގޯނާގެ ހާދިސާތައް ރިޕޯޓްކުރުމުގައި ބްރޯޑްކާސްޓަރުން ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން މިހާރަކަށް އައިސް ފަތުރަމުންދާ ޚަބަރުތަކާއި މަޢުލޫމާތުގެ ތެރޭގައި އަނިޔާ ލިބުނުކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ޒާތީ މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ގޮތަށް ޚަބަރު ފެތުރުމަކީ އޭގެ ސަބަބުން އެ ފަރާތް އިތުރަށް ވިކްޓިމައިޒްވެ، އެ ފަރާތުގެ އިތުރަށް އެ ފަރާތާ ގުޅުންހުރި އެހެން ފަރާތްތަކުގެ ޙައްޤަށް ނުވަތަ އިންސާނީ ކަރާމާތަށް އުނިކަން އަންނާނޭ ކަމެއް ކަމަށާއި އަދި މި ފަދަ ޙާދިސާތަކުގެ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށްގެން މެނުވީ ޙާދިސާގެ މައުލޫމާތު ފެތުރުމަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅި އޭގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް މުޖުތަމަޢުއަށް ކުރާނޭކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
"ވީމާ، ޖިންސީ ގޯނާގެ ޙާދިސާތަކާ ގުޅޭގޮތުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ހާމަނުކުރުމަށާއި ޙާދިސާ ހިނގާދިޔަގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި މެނުވީ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި "ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން" އާއި "ބްރޯޑްކާސްޓަކުރުމުގައި ކުޑަކުދިން ޙިމާޔަތްކުރުމަށް ޢަމަލުކުރަންވީ ގައިޑްލައިން" އާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ބްރޯޑްކާސްޓަރުންވެސް ޢަމަލުކުރުމަށް އިލްތިމާސްކުރަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
ބްރޯޑްކޮމް އިން ވަނީ މި ހަމަތަކާ ޚިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅުއަޅާނެ ކަމަށް ބުނެފައެވެ.