ވެކްސިން ޖެހުމުގެ ޙުކުމް ދީނީ ނަޒަރަކުން
އައްޝައިޚް ޢަބްދުލް ޢަޒީޒު ބުން ބާޒު رحمه الله އާ ސުވާލުދެންނެވުނެވެ.
ބަލިޖެހުމުގެ ކުރިން ބޭސްކުރުން – ވެކްސިން ޖެހުން ފަދަ ކަންކަން – ކުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
ފަހެ، ޖަވާބުގައި ވިދާޅުވިއެވެ.
“ވަބާއެއް ފެތުރެމުން ދާތީ ނުވަތަ އެނޫން އެހެން ސަބަބުތަކާ ހުރެވެސް ބައްޔެއް ޖެހިދާނެކަމުގެ ބިރު އޮތް ނަމަ އެކަން އެއްކިބާ ކުރުމުގެ ގޮތުން ބޭހެއް ބޭނުން ކުރުމަކީ ހުއްދަކަމެކެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.
(( مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً ، لَمْ يَضُرَّهُ فِي ذَلِكَ اليَوْمِ سُمٌّ وَلاَ سِحْرٌ )) [رواه البخاري ومسلم]
މާނައީ: “ހެނދުނުގަޑީގައި ޢަޖުވާ ކަދުުރުން ހަތް ކަދުރު ކައިފިމީހަކު ދަންނައެވެ. އެދުވަހު އޭނާއަށް ސިޙުރެއް ނުޖެހޭނެއެވެ. އަދި ވިހައަކުންވެސް އަޘަރެއް ނުކުރާނެއެވެ.”
މިއީ މުޞީބާތެއް ޖެހުމުގެކުރިން އެކަމަށް ފިޔަވަޅު އެޅުމަށް ކުރާކަމެކެވެ. ހަމަމިފަދައިން ރަށުގައި ނުވަތަ އެހެން ތަނެއްގައި ވިޔަސް ބައްޔެއް ފެތުރޭތީ، އެބަލި ޖެހިދާނެކަމުގެ ބިރު އޮތްނަމަ ވެކްސިން ޖެހުމަކީ އެއީ މައްސަލައެއް ނޫނެވެ. އެއީ ޖެހިފައިވާ ބައްޔަކަށް ފަރުވާ ކުރުމަށް ބޭސް ބޭނުން ކުރުން ފަދަ ކަމެކެވެ…”
[ فتاوى الشيخ ابن باز ( 6 / 21 )]
ވެކްސިން ޖެހުމުން ބައެއް ފަހަރު ހުން ގަދަވުން ނުވަތަ ވަޤުތީ ގޮތުން ދިމާވާ އެފަދަ އެހެން ކަންތައްތަކާމެދު ދަންނައެވެ. އެފަދަ ގެއްލުންތަކަކީ އެއީ މައްސަލައެއް ނޫނެވެ. އެއީ އެކަމުން ލިބޭ ބޮޑެތި ފައިދާތަކާ އަޅާބަލާއިރު ވަރަށް ކުޑަކަމެކެވެ. އެހެނީ އެފަދަ ބަލިތަކުގެ ސަބަބުން އިންސާނާއަށް ބޮޑެތި ދަތިތައް ކުރިމަތިވެ އޭނާގެ ޞިއްޙަތަށް ނޭދެވޭ އަޘަރުތައްކޮށް އަދި ގުނަވަންތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރުމަށް ހުރަސްއެޅެއެވެ.
އިސްލާމީ ޝަރީޢަތުގައި މީގެ މިސާލަކީ ފިރިހެންކުދިން ޚިތާނު ކުރުމެވެ. އެއީ އޭނާގެ ހަށިގަނޑުން ހަންކޮޅެއް ވަކިކުރުމަކީ އެކުއްޖާއަށް ތަދު އިޙްސާސްވާ ކަމެކެވެ. އެހެނަސް އެކަމުން ލިބޭ ދީނީ އަދި ދުނިޔަވީ ފައިދާތަކާ ބަލާއިރު އެއީ މާބޮޑުކަމެއް ނޫނެވެ. އެކަމުން ލިބޭ ދީނީ ފައިދާއަކީ ޠަހާރަތުގައި ލިބޭ ފައިދާއާ އަދި އެނޫން ބައެއް ފައިދާތަކެވެ. އަދި ދުނިޔަވީ ވަރަށް ގިނަ ފައިދާތައް އެކަމުން ލިބެއެވެ.
ދީނުގައިވާ ޢާންމު ޤަވާޢިދަކީ ބޮޑު ފަސާދައިން ދުރުހެލިވުމަށް ކުޑަ ފަަސާދައަކަށް އަރައިގަންނަން ޖެހިއްޖެނަމަ އެކަންކުރުމެވެ. އެއީ އެތަނުން ކޮންމެވެސް އެއްކަމެއް ކޮންމެހެންވެސް ކުރަންޖެހިއްޖެ ޙާލަތްތަކުގައެވެ.
[الاشباه والنظائر للسبكي 1/45]
މަސްދަރު: ދި ސަލަފިއްޔާ