ޚަބަރު

ނޫސްވެރިޔާ ހައްޔަރު ކުރީ "އޮޅުމަކުން"، ނޫސްވެރިއެއްކަން އެނގުމުން ދޫކޮށްލިން: ފުލުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު މާލޭގައި ބޭއްވި މުޒާހަރާއަށްފަހު، ލެސޫކް ރެސްޓޯރެންޓުގެ މަތީ ފަންގިފިލާގައި މަޑުކޮށްގެން ތިބި ބައެއްގެ ތެރެއިން ނޫސްވެރިއަކު ހައްޔަރު ކުރީ "އޮޅުމަކުން" ކަމަށާއި އެއީ ނޫސްވެރިއެއްކަން އެނގުމުން އެމީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި ލެކޫސް ރެސްޓޯރެންޓުގެ މަތީ ފަންގިފިލާގައި ތިއްބާ ފުލުހުން ގޮސް ހައްޔަރުކުރީ ޗެނަލް13 ގެ ނޫސްވެރިއެކެވެ. މިހާދިސާ ހިނގީ 19:00 ހާއިރު ކަމަށާއި އެވަގުތު އެރެސްޓޯރެންޓަށް 15 ވަރަކަށް އެސްއޯ ފުލުހުން ވަންކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޗެނަލް13 ގެ ނޫސްވެރިޔާ އިހުސާން ޙުސެއިން އާއި އެހެން ބައެއް މީހުން ބާރުގެ ބޭނުން ކޮށްގެން އެތަނުން ބޭލި ކަމަށާއި އެއީ ކޮންބައެއްކަން އެނގުމުން ފުލުހުން ފަހުން އެމީހުން ދޫކޮށްލިކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިންގި މުޒާހަރާގައި ބައިވެރިވި ފަރާތްތަކަށް އެސަރަޙައްދު ދޫކޮށް ދާން އެންގުމުން ފުލުހުންނާ ހަޑި ހުތުރު ބަހުން މުޢާމަލާތުކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، މުޒާހަރާގެ ބައިވެރިން އެ ކެފޭ ތެރެއަށް ވަދެފައިވާ ކަމަށެވެ.

"އެގޮތަށް އެ ކެފޭ ތެރެއަށް ވަދެގަތް މީހުން ފުލުހުން ވާނީ އެތަނުން ނެރެފަ. އަދި އެތަނުން ނެރެން އުޅުމުންވެސް، ނޫސްވެރިޔާ ހިމެނޭ ގޮތުން، ހަމަ ނުޖެހުން ހިނގާފައިވޭ. އެގޮތުން ނޫސްވެރިޔާ ބިންމައްޗަށް ވެއްޓިގަނެ އަމުރަށް ނުކިޔަމަންތެރި ވެފައިވޭ. ނޫސްވެރިޔާ އެތަނުން ނެރުމުން އެއީ ނޫސްވެރިއެއް ކަމަށް ބުނުމުން ވާނީ ދޫކޮށްލާފައި (އޭގެ ކުރިން ނޫސްވެރިއެއްކަން ފުލުހުންނަށް އަންގާފައެއް ނުވޭ)" މީޑިއާ ފާސް ވެސް އަޅައިގެން ހުރި ނޫސްވެެރިޔާއާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިހާދިސާގައި ނޫސްވެރިޔާގެ ފަރާތުން ފެނިފައިވަނީ ނޫސްވެރިއެއްގެ ފުށުން ފެނިގެން ވާނެ ފަދަ އަމަލުތަކެއް ކަމަށް ނުދެކޭ ކަމަށާއި މުޒާހަރާތަކާއި އެނޫން ވެސް އެހެނިހެން ކަންކަން ކަވަރ ކުރާ ނޫސްވެރިންނަށް ވީހާވެސް ބޮޑަކަށް ފުރުސަތު ފަހިކޮށްދީ ހާމަކަން ބޮޑު ގޮތެއްގައި އެފަދަ ކަންކަން ކަވަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ޕޮލިސް މީޑިއާގެ ފަރާތުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

"ނަމަވެސް ބައެއް މަދު މީޑިއާގެ ފަރާތްތަކުން ނޫސްވެރިކަމުގެ މިންގަނޑުން ބޭރުވެ، ހަމަ ނުޖެހުން އުފެދޭ ގޮތަށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭގޮތަށް އަމަލުކުރާކަމީ، މިސާވިސް އިން ނުހަނު ކަންބޮޑުވާ ކަމެއް. ވީމާ ހުރިހާ ނޫސްވެރިންވެސް މިކަމަށް ސަމާލުވެ ދެއްވުމަކީ މި ސާވިސްގެ އެދުމެއް" ފުލުހުން ވިދާޅުވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!