ކަރީނާއާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަން ހާމަކޮށް ސައިފްގެ ޝުކުރު ފޭނުންނަށް

ކަރީނާ ކަޕޫރުއާއި ތުއްތު ދަރިފުޅުގެ ހާލު ވެސް ރަނގަޅުކަމަށް ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާން ބުނެފިއެވެ.
ކަރީނާ ދެވަނަ ދަރިފުޅު ވިހާފައި ވަނީ މިއަދު ހެނދުނު، ބްރިޖް ކޭންޑީ ހޮސްޕިޓަލުގައެވެ.
ކަރީނާއާއި ސައިފް އަށް ދެވަނަ ދަރިފުޅު ލިބުމުގެ އުފަލުގައި ގިނަ ބަޔަކު ވަނީ މި ދެމަފިރިންނަށް މަރުހަބާ ކިޔާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ފިލްމީ ތަރިންނާއި ފޭނުން ވެސް ހިމެނެއެވެ.
ދެވަނަ ދަރިފުޅު ލިބުމަށްފަހު ސައިފް ނެރުނު ސްޓޭޓްމެންޓުގައި ބުނެފައި ވަނީ ކަރީނާއާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅުކަމަށާއި މަރުހަބާއާއި ތަހުނިޔާގެ މެސެޖުތައް ފޮނުވި އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރި ތައިމޫރް ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ. ދެވަނަ ދަރިފުޅު ލިބެން ވާއިރަށް ސައިފް ވަނީ ޗުއްޓީ ވެސް ނަގައި ދެވަނަ ދަރިފުޅަށް ވަރަށް ބޮޑަށް ތައްޔާރު ވެސް ވެފައެވެ.
ތައިމޫރް އުފަންވި ދުވަހުން ފެށިގެން ރިޕޯޓަރުން އޭނާ ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ވަށާލައިގެން ތިބި ނަމަވެސް، ދެވަނަ ދަރިފުޅަށް އެހެންވާން ބޭނުން ނުވާ ކަމަށް ސައިފް އާއި ކަރީނާ ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޮއްކޮއެއް ލިބެން އުޅޭތީ އެކަމަށް ތައިމޫރް ތައްޔާރު ކުރުމުގެ ގޮތުން ކަރީނާއާއި ސައިފް ގެންދަނީ އޭނާއަށް މުޅި އުމުރު ދުވަހަށް ކުޑަ "ފްރެންޑެއް" ލިބެން އުޅޭ ކަމަށް ބުނަމުންނެވެ.