ޚަބަރު

އުފަންދުވަހުގެ ޕާޓީއެއް ބޭއްވުމުން ގްރޭންޑް ވިއު ރެސްޓޯރަންޓް ޖޫރިމަނާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި ހުންނަ ގްރޭންޑް ވިއު ރެސްޓޯރަންޓްގައި، އުފަންދުވަހުގެ ޕާޓީއެއް ބޭއްވުމުން، ފުލުހުން އެޕާޓީ ހުއްޓުވާ އެ ރެސްޓޯރަންޓް ޖޫރިމަނާ ކޮށްފިއެވެ.

Ads by MWSC

މިދުވަސްކޮޅު ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން، ޕާޓީތަކާ ޙަފްލާތައް ބޭއްވުން މަނާކޮށްފައި ވަނިކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިނާ ޚިލާފުވެ ޕާޓީ ބޭއްވުމުގެ ސަބަބުން، ގްރޭންޑް ވިއު ރެސްޓޯރަންޓް ޖޫރިމަނާ ކޮށްފައިވަނީ 5000 ރުފިޔާއިންނެވެ.

ފުލުހުންގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ގްރާންޑް ވިއު ރެސްޓޯރެންޓްގައި މިރޭ ބޭއްވި އުފަންދުވަހުގެ ޕާޓީއެއް ހުއްޓުވައި ރެސްޓޯރެންޓް ފަސްހާސް ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ގްރޭންޑްވިއު ރެސްޓޯރަންޓް މިއަދު ޖޫރިމަނާ ކޮށްފައިވާއިރު، މިއަދު ހަވީރު ކައިވެނި ޕާޓީއެއް ބާއްވައިގެން ސޯލްޓް ކެފޭ ވެސް ވަނީ 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

ފުލުހުން ވިދާޅުވީ ސޯލްޓް ކެފޭއަށް ފިޔަވަޅު އަޅާފައިވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ
އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމަކަށް ޤާނޫނީ ޝަޚްޞަކުން ޢަމަލު ނުކޮށްފި ނަމަ ނުވަތަ އެ އެންގުމަކާ ޚިލާފުވެއްޖެ ނަމަ ފުރަތަމަ ފަހަރު -/5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ދެވަނަ ފަހަރު -/25،000 ރުފިޔާ. ތިންވަނަ ފަހަރު -/50،000 ރުފިޔާ، ހަތަރުވަނަ ފަހަރު -/75،000 ރުފިޔާ އަދި ފަސްވަނަ ފަހަރުން ފެށިގެން ދެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!