ކޮލަމް

ވަޒީފާއިން ވަކިކުރުމުގައި ޤާނޫނަށް ތަބާވުން-1

އަބްދުﷲ ރަޝީދު (ކްރިސްޓަލް) ، ދެން އޮންލައިން
ވެލާނާ ބިލްޑިންގް
ވެލާނާގެ -- ދެން އިމޭޖްސް/އިބްރާޙީމް ޝަމްވީލް

ދިވެހިރާއްޖޭގެ އެންމެމަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެގިނައިން ނިންމާފައިވާ އެއްބާވަތަކީ ވަޒީފާއާބެހޭ ތަފާތު މައްސަލަތަކެވެ. މިގޮތުން ސުޕްރީމްކޯޓުގެ ވެބްސައިޓުގައި ވަޒީފާއާގުޅޭ ތަފާތު 375 މައްސަލައެއް ވަނީ ހިމަނާފައެވެ. ވުމާއެކު، ވަޒީފާއާބެހޭ މައްސަލަތަކުގައި އިންސާފު ލިބިގަތުމަށް ޝަރުޢީ މަރުހަލާގެ އެހީތެރިކަމަށް އެދޭ ފަރާތްތައް ގިނަކަން ފާހަގަ ކުރެވެއެވެ. 

Ads by STELCO

ޤާނޫނުއަސާސީގެ 37 މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާން ކޮށްފައި ވާތީ ވަޒީފާ އަދާ ކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެކެވެ. ނަމަވެސް މި ޙައްޤަކީ ވެސް ޒިންމާތަކަކާއެކު އުފެދިގެންދާ ޙައްޤެކެވެ. ވުމާއެކު ވަޒީފާއަދާކުރާ ފަރާތައް ޙައްޤުތައް ލިބޭ ފަދައިން ވަޒީފާދޭ ފަރާތަށްވެސް ޙައްޤުތަކެއް ލިބިގެންވެއެވެ. ވަޒީފާއާ ގުޅިގެން އުފެދިގެންދާ ޙައްޤުތައް ތަފްޞީލް ކޮށްދެނީ ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގައެވެ. ވަޒީފާ އަދާކުރާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ދަށްވުމަކީ އަދި ވަޒީފާދޭ ފަރާތަށް ގެއްލުމެއް ލިބިދާފަދަ ކަމެއް މުވައްޒަފަކު ކުރުމަކީ ޤާނޫނީ އިމުގެ ތެރެއިން މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ކަމެކެވެ. މީގެތެރޭގައި ނޯޓިސްދީ ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތަކާއި އަދި ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައްވެސް ހިމެނެއެވެ. ވަޒީފާދޭފަރާތަށް ޤާނޫނާ އެއްގޮތަށް މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ލިބިފައިވާ ފުރުސަތު އާބިޓްރަރީކޮށް ނުވަތަ ހިތުހުރި ގޮތަކަށް ބޭނުންކޮށް، ބޭއިންސާފުން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއާއި ޝަރްޢީ ކޯޓުތަކުން އެމީހަކަށް އިންސާފު ލިބޭނެ މަގު ވަޒީފާއާބެހޭ ޤާނޫނުން ފަހިކޮށްދެއެވެ. މިގޮތުން ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފެއް ޓްރައިބިއުނަލަށް ނުވަތަ ޝަރުޢީ ކޯޓަކަށް ވަޒީފާއިން ވަކިކުރި މައްސަލައެއް ހުށަހަޅާ އިންޞާފު ލިބިގަތުމަށްޓަކައި ދެކަމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ނުވަތަ ޝަރުޢީ ކޯޓުގައި ސާބިތުކޮށްދޭންޖެހެއެވެ. އަދި ވަޒީފާއިން ވަކިކޮށްފައިވާ މީހަކު ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ އިންސާފުހޯދުމަށް ޝަރުޢީ މަރުހަލާގައި ސާބިތުކޮށްދޭންޖެހޭ ފުރަތަމަ ކަމަކީ، ކަނޑައެޅިފައިވާ އުސޫލުތަކާޚިލާފުވެ، އަޅަންވާ ފިޔަވަޅުތައް ތަރުތީބުން އެޅުމަކާނުލާ، ދޭންވާ ނަސޭހަތާ އިންޒާރުނުދީ ނުވަތަ ޖަވާބުދާރީވުމަށް ފުރިހަމަ ފުރުޞަތުނުދީ ވަޒީފާއިން މުވައްޒަފަކު ވަކިކޮށްފައިވާކަމެވެ. ޤާނޫނީ ބަހުރުވައިން މިކަމަށް ކިޔަނީ އިޖުރާއީ ޢަދުލުވެރިކަން ނެތުމެވެ. ދެވަނަ ކަމަކީ އެމީހަކު ވަޒީފާއިން ވަކިކުރަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް މެދުވެރިފައި ނެތްކަން ސާބިތުކޮށްދިނުމެވެ. ޤާނޫނީ ބަހުރުވައިންނަމަ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމްކޮށްފައި ނެތުމެވެ. ވުމާއެކު، މުވައްޒަފުންގެ ފަރާތުން ވަޒީފާގެ މައްސަލަތަކުގައި އިންސާފު ލިބިގަތުމަށްޓަކައި އިޖުރާއީ ޢަދުލުވެރިކަމާއި މަޢުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުކޮށް ވަޒީފާއިން ވަކިކޮށްފައިވާކަން ސާބިތުކޮށްދެވިއްޖެނަމަ އެކަމަށް ޤާނޫނީ އިމުގެ ތެރެއިން އިންޞާފް ލިބިދެވެއެވެ. މީގެ ތެރޭގައި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމާއި ގެއްލުމުގެ މާލީ ބަދަލު ލިބިދިނުން ހިމެނެއެވެ. އަދި ވަޒީފާދޭފަރާތަށް ލާޒިމުވެގެންވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ މަޢުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށް ފަހުކަން ޓްރައިބިއުނަލްއާއި ޝަރުޢީ ކޯޓުތަކުގައި ސާބިތުކޮށްދިނުމެވެ. އެކަން ސާބިތުކޮށް ދެވިއްޖެނަމަ މުވައްޒަފަކު ވަޒީފާއިން ވަކިކުރީތީ އިތުރު އިލްތިޒާމެއް ވަޒީފާދޭ ފަރާތުން އުފުލާކަށް ނުޖެހޭނެއެވެ. 

ނޯޓް: މި ކޮލަމް ލިއުއްވާފައިވާ އަލްއުސްތާޛް ޢަބްދުﷲ ރަޝީދަކީ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ކޮމްޕެރެޓިވް ލޯ  ފުރިހަމަ ކުރައްވާ، ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ޤާނޫނީ ވަކީލެކެވެ. އަދި ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ މެނޭޖިންގ ޕާޓްނަރވެސް މެއެވެ. ޤާނޫނީ އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި ކޮލަމް މެދުވެރިކޮށް އެކަމެއް ސާފުކޮށްދެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ތިޔަ ބޭފުޅުންގެ ސުވާލު ފޮނުއްވާނީ [email protected] އަށެވެ.

Ads by Ooredoo
  1. ސުޓާފުން

    ތިވާހަކަ ބާއްވާ އައި ޖީ އެމް އެޗް ގެ ޓެކްނިކަލް މުވައްޒިފުން ގެ މިސާރަ ދިނީ އުނިކޮއްފަ ބޮޑުން ނައް ފުލް މިސާރަ މިކަންތައް ބަލާ ދިނުން އެދެން