މުޒާހަރާ ތެރެއިން 30 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައި: އިދިކޮޅު
މިއަދު ހަވީރު މާލޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން ބޭއްވި މުޒާހަރާ ތެރެއިން މިހާތަނަށް 30 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އެކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ މިއަދު ހަވީރު ކުރިއަށްގެންދަން ރޭވީ "މަގޭ ފްލެޓު ކޮބާ؟" މިޝިޢާރުގެ ދަށުން، ސުލްޙަވެރި ހިނގާލުމެއް ކަމަށާއި އެހެން ނަމަވެސް މިއަދު 2:00 ހާއިރު ފުލުހުން ވަނީ ސަރަޙައްދު ބަންދުކޮށް އެ ސުލްހަ ވެރި ހިނގާލުމަށް މީހުން އައުން ހުއްޓުވާފައި ކަމަށެވެ.
މީގެ އިތުރުން ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ވެރިކަމުގައި ތަރައްޤީ ކުރެއްވި "ހިޔާ" ފްލެޓުތައް ލިބުނު މީހުންނަށް ވެސް އަދި އެތަނަށް ނުވަދެވޭ ކަމަށާއި އޭގެ ތެރެއިން ފްލެޓު ލިބުނު ގިނަ ފަރާތްތަކެއް އަތުން ހުރީ ފްލެޓު އަތުލާފައިވާކަން ވެސް ޝިޔާމް ފާހަގަ ކުރެއްވިއެވެ.
"ރައްޔިތުންގެ ހުރި ބޯހިޔާވަހިކަމުގެ ކަންބޮޑުވުމުގެ ސަބަބުން އެބޭފުޅުން ބޭނުން ވަނީ އެ ޝުޢޫރުތައް ފާޅުކުރަން. އެކަމަކު ސަރުކާރުން ވަނީ އެކަންވެސް ހުއްޓުވާފަ" ޝިޔާމް ވިދާޅުވިއެވެ.
މިއަދުގެ މުޒާހަރާ ތެރެއިން އިދިކޮޅު ކޯލިޝަންގެ 30 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ޕީއެންސީ ގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އާއި، ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވެސް ހިމެނޭ ކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.
މިއަދުގެ މުޒާހަރާ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ފުލުހުން އަތުން މެމްބަރު ޝިޔާމް އަށް ވެސް ވަނީ އަނިޔާ ވެފައެވެ.