ދީން

ކޮންމެ ބަލި މީހަކަށް ވެސް މަންފާ ކުރަނިވި ފަރުވާއެއް

ދެން އެމްވީ ، ދެން އޮންލައިން

ﷲ ފިޔަވައި ޝިފާ ދެއްވާނެ އެހެން ފަރާތެއް ނުވެއެވެ. އަދި މީހެއްގެ ބަލިމަޑުކަމެއް އުފުއްލަވާނެ އެހެން ފަރާތެއްވެސް ނުވެއެވެ. ރުޤުޔާކުރާ މީހާގެ ރުޤުޔާއާއި އަދި ޑޮކްޓަރާއި، ޑޮކްޓަރީބޭހަކީ، ﷲ ތަޢާލާ ޝިފާދެއްވުމަށް ލައްވާފައިވާ ސަބަބުތަކެކެވެ. އެހެންކަމުން ސަބަބުތަކުގައި ހިފައިގެން ﷲ ހުއްދަކުރައްވާފައިވާ ބޭހުން ބޭސްކުރާށެވެ. ޑޮކްޓަރަކީ ތިބާގެ ބަލިމަޑުކަން ފިލުވާ މީހާކަމަށް ޤަބޫލުނުކުރާށެވެ. އެހެނީ އެމީހަކީ ތިބާފަދަ އިންސާނެކެވެ. އޭނާއަކީ އޭނާގެ ޒާތުގައި މީހަކަށް ގެއްލުމެއްވެސް އަދި މަންފާއެއްވެސް ނުކޮށްދެވޭނެ ފަދަ ހާލެއްގައި ހުރި މީހެކެވެ. އެހެންކަމުން ތިބާ އަށް މަންފާއެއް އަދި ގެއްލުމެއްވެސް ދެވޭނެ ފަރާތަކީ ﷲ ކަމަށްވާހިނދު އެއިލާހަށް ތިބާ ވަކީލުކުރަންޖެހެއެވެ.

Ads by Sosun Fihaara

( وَإِذَا مَرِضْتُ فَهُوَ يَشْفِينِ) [الشعراء (80) ]

“މާނައީ: “އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމައެކަލާނގެއެވެ.”

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކުރުމާ އަދި އެއިލާހުގެ މަދަދަށް އެދުމާއި އެއިލާހާމެދު ރަނގަޅަށް ހީކުރުމާ އަދި ޤުރުއާނުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތުން ރުޤުޔާކުރުންފަދަ ކަންކަމަކީ ބަލިތަކުން ފަސޭހަކޮށްދޭ ކަންކަމެވެ. އަދި އެހެންމެ ބިރުވެތިވެ މަޑުމޮޅިކަމާއި އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާވެސްމެއެވެ. އަދި ޞަދަޤާތްކުރުން ގިނަކުރުންވެސް ހިމެނެއެވެ. ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުން އިމްތިހާނުކުރައްވާ އަދި އެކަމުން ސަލާމަތްވާނެ ގޮތްވެސް މިންވަރުކޮށްދެއްވައެވެ. އަދި މިދީނުގައިވަނީ ބަލިތަކުން ފަސޭހަވާނެ ފުރިހަމަ ޔަޤީންކަން އޮންނަ އިލާހީ ބޭސްފަރުވާތަކެވެ. އޭގެ މަޞްދަރަކީ ﷲ ގެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ބާވާލެއްވި ވަޙީއެވެ.

އެތަކެއްޗަކީ :

1. މަދީނާގެ ޢަޖުވާ ކަދުރު: އެއީ ވިހަތަކަށާއި ސިޙުރުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(( مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً ، لَمْ يَضُرَّهُ فِي ذَلِكَ اليَوْمِ سُمٌّ وَلاَ سِحْرٌ )) [رواه البخاري (5445) مسلم (2047)]

މާނަ: އެދުވަހެއްގެ ހެނދުނު (ހުސްބަނޑާހުރެ) އަޖުވާކަދުރުގެ ހަތްކަދުރު ކައިފިމީހަކަށް އެދުވަހަކު ވިހަޔެއް އަދި ކިޔެއް ސިޙުރެއްވެސް އެމީހަކަށް ނުޖެހޭހުއްޓެވެ.

2.ފެނަކީ ހުމަށްވާ ފަރުވާއެއް: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((الْحُمَّى مِن فَيْحِ جَهَنَّمَ، فأطْفِئُوها بالماءِ)) [صحيح مسلم (7842) ]

މާނަ: “ހުމަކީ ޖަހަންނަމައިން ފެތުރިގެން އަންނަ ހޫނުކަމެކެވެ. ފަހެ ފެނުން (އެބަހީ: އެ ކާއްތައިގެން) އެ ހޫނުކަން ފިނިކުރާށެވެ.”

3. މާމުއި: ﷲ ތަޢާލާ ޚަލްޤުކުރެއްވި ގިނަގުނަގުނަވެގެންވާ ފަރުވާތަކުގެ ތެރެއިން މާމުޔަކީ ދެވަނައެއް ނުވާފަދަ ފުރިހަމަ ފަރުވާއެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ ﴿٦٨﴾ ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ [ سورة النحل ]

މާނަ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް އިލްޙާމް ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި މީހުންހަދައިދޭ ބިނާތަކުގައި ހަތާހަދައި އުޅޭށެވެ. [68] ދެން ތިޔަކުޅަނދުރު ހުރިހާ މޭވާތަކުން ކައިއުޅޭށެވެ. ފަހެ، ތިޔަކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވައިފައިވާ މަގުތަކުން ހިނގާށެވެ. އެތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި މީސްތަކުންނަށް ބަލިފަސޭހަވުންވެއެވެ. ހަމަކަށަވަރުން ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. [69]”

4. ކަވާޖެހުން: ކަވާޖެހުމަކީ ފައިދާހުރި ނަބަވީ ފަރުވާއެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވަފައިވެއެވެ.

((إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ..)) [مسلم ( 2952 ) ]

މާނަ: “ތިޔަބައިމީހުން ކުރާ އެންމެ ރަނގަޅު ފަރުވާއަކީ ޙިޖާމާ (ކަވާ) ޖެހުމެވެ.”

5. މަދީނާގެ ޢަޖުވާކަދުރު:

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.

((فِي عَجْوَةِ الْعَالِيَةِ ، أَوَّلَ الْبُكْرَةِ عَلَى رِيقِ النَّفْسِ شِفَاءٌ مِنْ كُلِّ سِحْرٍ، أَوْ سُمٍّ)) [صححه الألباني في “صحيح الجامع” (4262)]

މާނަ: “ހަމަކަށަވަރުން މަދީނާގެ ޢާލިޔާ ސަރަހައްދުގެ އަޖުވާ ކަދުރު ހެނދުނުގެ ފުރަތަމަ ވަގުތުގައި ހުސްބަނޑާ، ކާމީހާ ދަންނައެވެ. ކޮންމެ ބާވަތެއްގެ ސިޙުރަކަށްވެސް އޭގައި ޝިފާވެއެވެ. ނޫނީ ވިހައިން ރައްކާތެރިކޮށްދެއެވެ.”

6. ކަޅުދިރި: ކަޅުދިރިއަކީ ހުރިހާ ބައްޔަކަށްވާ ފަރުވާއެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((الْحَبَّة السَّوْدَاءِ: شِفَاءٌ مِنْ كُلِّ دَاءٍ إِلَّا السَّامَ)) [مسلم (2215)]

މާނަ: “ކަޅުދިރިއަކީ ހުރިހާ ބައްޔަކަށްވާ ޝިފާއެކެވެ. އައްސާމު ފިޔަވައެވެ. (އެބަހީ: މަރުބަލި ފިޔަވައެވެ.)”

7. ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތުން ޘާބިތުވެފައިވާ ދުޢާތަށް ކުރުމުން ޝިފާ ލިބެއެވެ. އެގޮތުން ސިޙުރު ބާޡިލު ކުރުމަށާއި، ހަށިގަނޑަށްވަދެފައި ހުންނަ ޖިންނި ހަށިގަނޑުން ނެރުމާއި، އެސްފީނާއަށް ވެސް ފަރުވާކުރެވެއެވެ.

8. ޒަމްޒަމް ފެން: ޒަމްޒަމް ފެނަކީ މުސްލިމުންނަށް ދެއްވާފައިވާ ބަރަކާތްތެރި ފެނެކެވެ. އަދި އެފެނަކީ އެންމެ މަތިވެރި އެންމެ މާތް ފެނެވެ. ފެންތަކުގެ ސައްޔިދެވެ. އަދި އެފެން ނުކުންނަނީ އެންމެ މާތްވެގެންވާ ބިންކަމުގައިވާ މައްކާގެ ބިމުންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.

) (إِنَّهَا مُبَارَكَةٌ، إِنَّهَا طَعَامُ طُعْمٍ)) [رواه مسلم 4/1922]

މާނަ: “ހަމަކަށަވަރުން އެއީ (އެބަހީ: ޒަމްޒަމް ފެނަކީ) ބަރަކާތް ލެއްވިގެންވާ ފެނެކެވެ. އަދި އެއީ ކެއުމެއްގެ ގޮތުގައި ބޭނުންކުރަންވެސް ފުދޭ އެއްޗެކެވެ.”

ޠަޔާލިސީގައި އައިސްފައި ވެއެވެ. “އަދި ބައްޔަށްވާ ފަރުވާއެކެވެ.”

މިހުރިހާ ފަރުވާތަކަކީ ޝިފާލިބެނިވި ނަބަވީ ފަރުވާތަކެވެ. މިކަމުން ފަރުވާލިބި މަންފާ ކުރާނެ މީހަކީ އެކަންކަމަކީ ﷲ ގެ ރަޙުމަތާއެކު ފަރުވާ ލިބޭނެ ކަމެއްކަން ހިތުގެ އަޑިން ޔަޤީންކުރާ މީހަކަށެވެ.

މަސްދަރު: ދިސަލަފިއްޔާ.ނެޓު

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!