ޚަބަރު

ބަނޑު ހިކި ބޮޑުކަމުދާން އުނދަގު ވަނީތަ؟ މިއޮތީ ހައްލު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބައެއް މީހުންނަކީ ޢާންމު ގޮތެއްގައި ބަނޑު ހިކިފައި ބޮޑުކަމުދާން އުނދަގޫވެ އެކަމުގައި ދަތިތަކެއް ތަޙައްމަލު ކުރަން ޖެހިފައިވާ މީހުންނެވެ. މިކަން ދިމާވަނީ ހަމައެކަނި ދޮށީ ޢުމުރުގެ  މީހުންނަށް އެކަންޏެއްނޫނެވެ. އެންމެ ތުއްތު ކުދިންގެ ޢުމުރުން ފެށިގެން ޒުވާނުންނާއި، ހުރިހާ ޢުމުރެއްގެ މީހުންނަށް ވެސް މިކަން ދިމާވެއެވެ.

Ads by MWSC

ބަނޑު ހިކޭނަމަ އަދި ގަވައިދުން ބޮޑުކަމު ނުދެވޭނަމަ ގިނަމީހުން ޑޮކްޓަރީ ބޭސް ބޭނުން ކުރެއެވެ. އަދި ބައެއް މީހުން ސަނާމުކި ފަތް ކައްކައިގެން ނިދަން އޮށޯތުމުގެ ކުރިން އޭގެ ފެން ބޮއެ ހަދައެވެ. މި ފަދަ ކަންކަމަކީ އާދަވެގެން އެކަން ކުރަން ފަށައިފިނަމަ ދެވި ހިފާ އަދި އެއާ ނުލައި ނޫޅެވޭ ހިސާބަށް ދާ ކަންކަމެވެ.

ނަމަވެސް ބަނޑު ހިކޭ މީހުންނަށް ދެވިދާނެ ފަރުވާއެއްގެ ގޮތުގައި މުރަނގަފަތް ބޭނުންކުރުމަކީ ބަނޑުގެ ހަޖަމް ރަނގަޅު ކޮށްދީ ފަސޭހައިން ބޮޑުކަމު ދެވުމުގެ އިތުރުން ހަށިގަނޑަށް ވެސް އޭގެ ސަބަބުން ވަރަށް ބޮޑަށް ފައިދާ ކުރާނެ ފަތެކެވެ. ބޮޑުކަމު ނުދެވި ހުންނަން ޖެހިއްޖެނަމަ ނުވަތަ އުނދަގޫ ތަކެއް ވާނަމަ ކޮންމެ ދުވަހެއްގެ މެންދުރު ބަތާއެކު މުރަނގަ ފަތް،ބަތްކާއިރު ރޮލާ ކާށެވެ. އޭރުން މާގިނައިރު ތަކެއްނުވެ ފަސޭހަކަމާއެކު ފާޚާނާ ކުރެވިދާނެއެވެ.

މުރަނގަ ފަތަކީ ކެއުމުގައި އަޅުގަނޑުމެން ވަރަށް ގިނައިން ބޭނުންކުރާ ފަތުގެ ބާވަތެކެވެ. އެހެންނަމަވެސް ދިވެހިންގެ ތެރޭގައި ގިނައީ މިފަތް ތެލުލައިގެން ކާ މީހުންނެވެ.  ނަމަވެސް މި ފަތުގެ އެންމެ އެދެވޭ ފައިދާއެއް ކުރާނީ އެފަތް ރޮލާ ކެއުމުންނެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފަސޭހަކަމާއެކު ގިނަޢަދަދަކަށް ލިބެންހުންނަފަތެކެވެ. އެހެންކަމުން މިއީ އެއްވެސް މީހަކަށް ހޯދަން އުނދަގޫ ވާނޭ އެއްޗެއް ނޫނެވެ.

މުރަނގަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތަކަށް ބަލާއިރު މުރަނގަ ފަތަކީ ގިނަ އަދަދެއްގެ ޕްރޮޓީން އެކުލެވިގެންވާ އެއްޗެކެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 9.8 ގްރާމްގެ ޕްރޮޓީން ހުރެއެވެ. މިއީ ދުވާލެއްގެ މައްޗަށް މީހަކަށް ބޭނުންވާ ޕްރޮޓީންގެ 17.5 އިންސައްތަ އެވެ. ހިއްކާ މުގުރާފައި ހުންނަ މުރަނގަ ފަތުގައި އެތައް ބައިވަރު އެމިނޯ އެސިޑް ހުރެއެވެ. މުރަނގަ ގަހުގައި ހުންނަ ޅަކުރިތަކުގެ ފަތްތަކަކީ ވިޓަމިން އޭ އިން މުއްސަނދި ވެފައިވާ އެއްޗެކެވެ. 100 ގްރާމުގެ މުރަނގަ ފަތުގައި 7564 އިންޓަނޭޝަނަލް ޔުނިޓްގެ ވިޓަމިން އޭ އެކުލެވިގެން ވެއެވެ.

ވިޓަމިން އޭ އަކީ ތަފާތު އެތައް ފައިދާތަކެއް ހަށިގަނޑަށް ފޯރުކޮށްދޭ މާއްދާއެކެވެ. އެގޮތުން ވިޓަމިން އޭ އިން ލިބިދާނެ ފައިދާތަކުގެ ތެރޭގައި،ހަށިގަނޑުގެ ދިފާޢީ ބާރު ރަނގަޅު ކޮށްދިނުން، ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުން އަދި ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!