ބޮލީވުޑް

އަމީތާބުގެ ލޮލުގެ ސާޖަރީ ކާމިޔާބު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑްގެ މެގާ ސްޓާ އަމީތާބު ބައްޗަން ކާމިޔާބު ކަމާއެކު ލޮލުގެ ސާޖަރީއެއް ނިންމާލައިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ads by Sosun Fihaara

ރަސްމީކޮށް އަމީތާބު އެކަން ހާމަ ކޮށްފައި ނުވި ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި އަމީތާބު ކޮށްފައި ވަނީ ލޮލުގެ ކެޓެރެކްޓް ސާޖަރީއެކެވެ. އަދި އެއީ އެހާ ބޮޑު ސާޖަރީއެއް ނޫން ކަމަށާއި 24 ގަޑިއިރު ފަހުން އަމީތާބް ގެއަށް ދޫކޮށްލާނެ ކަމަށް ވެސް އޭނާގެ ގާތް މީހަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އަމީތާބުގެ ބަލި ހާލަތު ދަށްވެ، ގޯސް ކަން އޭނާގެ ބްލޮގް މެދުވެރިކޮށް ވަނީ ހާމަ ކޮށްފައެވެ. ނަމަވެސް ދިމާވީ ކޮން މައްސަލައެއްކަމާއި އެކަމުގެ ތަފްސީލެއް އަމީތާބު ނުދެއެވެ.

އެގޮތުން އޭނާގެ އަމިއްލަ ބްލޮގްގައި ލިޔެފައި ވަނީ، ސިއްޙީ މައްސަލައެއް އަނެއްކާ ވެސް ކުރިމަތިވެއްޖެ ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް އޮޕަރޭޝަނަކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އަމީތާބް ބައްޗަން ވަނީ މިދިޔަ އަހަރު ކޮވިޑް-19 އަށް ފައްސިވެ، ނާނާވަތީ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ހޯދާފައެވެ. އެބަލިން ރަނގަޅުވުމަށްފަހު، ދުވަސް ކޮޅަކު މަސައްކަތާ ދުރުގައި އަމީތާބް ހުއްޓެވެ.

ބޮލީވުޑްގެ ތަރި އިމްރާން ހާޝްމީ އާއެކު އަމީތާބް ހަރަކާތްތެރި ވެފައިވާ ފިލްމު "ޗެހެރޭ" މިއަހަރުގެ އޭޕްރިލް މަހު ރިލީޒް ކުރަން ހަމަޖެހިފައިވާއިރު، އޭނާ މިހާރު ހަރަކާތްތެރި ވަމުންދަނީ ރަކުލް ޕްރީތު ސިންގް އާއި އަޖޭ ދޭވްގަން އާއެކު އޭނާ ފެނިގެންދާނެ ފިލްމު "މޭ ޑޭ" ގައެވެ. އަމީތާބު ވަނީ ޝޫޓިންގެ ތެރޭގެ ބައެއް މަންޒަރުތައް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާ ވެސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!