މިސްރުގެ ސަރުކާރަށް ފާޑުކީ ނޫސްވެރިއަކު، ޤައުމަށް އެރިތަނުން ގެއްލިއްޖެ

ޤާހިރާ، މިސްރު: މިސްރުގެ ސަރުކާރަށް ފާޑު ކިޔާ، އެތައް ލިޔުންތަކެއް ލިޔެފައިވާ އެޤައުމުގެ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް އަލް-ޖަމްލް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.
ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ޖަމާލްގެ ފިރިހެން ދަރިފުޅު މިދިޔަ އާދީއްތަ ދުވަހު ބުނީ، މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ޖަމާލް އެނބުރި މިސްރަށް އައިފަހުން ގެއްލިފައިވާ ކަމަށެވެ.
"ތުރުކީގެ އިސްތާންބުލް އިން ބައްޕަ އައީ ފެބްރުއަރީ މަހުގެ 22 ވަަނަ ދުވަހު. އެކަމަކު މިސްރުގެ އެއާޕޯޓަށް އައި ވަގުތުން ފެށިގެން މިއަދާ ހަމަޔަށް އަދި ބައްޕަގެ އެއްވެސް ޚަބަރެއް ލިބިފައެއް ނުވޭ. ބައްޕަ އެނބުރި ޤައުމަށް އައީ ޤައުމުން ބޭރުގައި ދިރިއުޅޭތާ ގިނަ ދުވަސްވެގެން އަމިއްލަ ވަޒަނަށް އެނބުރި އަންނަން ބޭނުން ވެގެން" ޖަމާލް ގެ ދަރިފުޅު ބާހާ އަލް-ޖަމްލް ބުންޏެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މިސްރުގެ ޝަރުޢީ ދާއިރާއަށް ވެސް ޖަމާލް ވަރަށް ބޮޑަށް ފާޑުކިޔުމުގެ ސަބަބުން، އޭނާ ވަނީ ދެ އަހަރު ދުވަހަށް ޖަލަށް ލާން ވެސް ހުކުމް ކޮށްފައެވެ. އަދި ފުލުހުންގެ ތަހުގީގަށްފަހު އޭނާ، ތޯރާ ޖަލަށް ބަދަލު ކުރުމަށް ވެސް އެ ހުކުމްގައި ބުނެފައިވެއެވެ.
ޖަމާލް ވަނީ މިސްރުގެ ސަރުކާރަށް ފާޑިކިޔާފައި، އެޤައުމުގެ ނޫހެއް ކަމަށްވާ އަލް-މަސްރީ އަލް-ޔޫމް ޑެއިލީ އަށް 2014 ވަނަ އަހަރު ވެސް ލިޔުމެއް ލިޔެފައެވެ. އެލިޔުމާ ގުޅިގެން މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީ ވަނީ ޖަމާލް އަށް ގުޅުއްވާ، އެފަދަ ލިޔުންތައް ނުލިޔުމަށް ވިދާޅުވެ އޭނާ އަށް އިންޒާރު ދީފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މިސްރު ދޫކޮށް ޖަމާލް ތުރުކީއަށް ދިޔައީ، ރައީސް އަލް-ސީސީ ގެ އެ ފޯނު ކޯލަށްފަހު އަމިއްލައަށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ޖަމާލްގެ ލިޔުންތަކުގައި ބޮޑަށް ފާހަގަ ކޮށްފައި ވަނީ، މިސްރުގެ ސަރުކާރަށް ރަނގަޅަށް ޤައުމު ހިންގަން ނޭނގޭ ކަމަށާއި އެޤައުމުގެ ބޮޑެތި ކުށްވެރިން ތިބީ އިސް މަޤާމުތަކާ ޝަރުޢީ ދާއިރާގައި ކަމަށެވެ.