ޚަބަރު

މަޝްހޫރު ރެޕް ލަވަ ކިޔުންތެރިޔާ، ޕެސްޓުގެ ބަންދަށް އިތުރު 10 ދުވަސް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2.5 ކިލޯގެ މަސްތުވާ ތަކެއްޗާއެކު ހައްޔަރު ކުރި މަޝްހޫރު ރެޕް ލަވަ ކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

Ads by Sosun Fihaara

ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަންގައި މާލޭގެ ހަތަރު ގެއަކާއި، ސައިކަލެއްގެ އިތުރުން ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައި ފާސްކޮށް ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާއިރު، އެ އޮޕަރޭޝަނުގައި ޖުމުލަ ފަސް މީހަކު ވަނީ ހައްޔަރު ކުރެވިފައެވެ. އޭގެ ތެރެއިން ޕެސްޓު ވެސް ހިމެނެއެވެ.

އެ އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން 15 ދުވަހުގެ ބަންދެއް ޖަހައިފައެވެ. އަދި މިއަދަށް އެ 15 ދުވަސް ހަމަވާއިރު، މި އެންމެންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރު ކޮށްފައެވެ.

އެގޮތުން ޕެސްޓާއި އަހުމަދު ހުޝާމް އަދި މުހައްމަދު ސުއައިދުގެ ބަންދަށް 10 ދުވަސް ޖަހައިފައި ވާއިރު، އަހުމަދު ޝަމޫން އާއި އަބްދުﷲ ސާޖިއުގެ ބަންދަށް ޖަހާފައި ވަނީ ފަސް ދުވަހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!