ޚަބަރު

އިދިކޮޅުގެ އަމާޒު ވަރަށް ސާފު ، އެހެން މޫވްމަންޓަކުން އެ އަމާޒު ބަދަލެއް ނުވާނެ:ޝިޔާމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިދިކޮޅުގެ އަމާޒަކީ ރައީސް ޔާމީން މިނިވަން ކުރުން މަސައްކަތް ކަމަށާއި އެހެން އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކުން އެ އަމާޒު ބަދަލު ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދުންޔާ މައުމޫން، އުމަރު ނަސީރު އަދި އަޒްލީން އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ކޮންމެވެސް އެއް ހިސާބެއްގައި ވަޒީރުކަން ކުރައްވާފައިވާ ތިން ބޭފުޅަށްވާތީ، އިދިކޮޅު ޕާޓީއެއް އޮތްއިރު އެބޭފުޅުން މިފަދަ ހަރަކާތެއް ހިންގަވަނީ ޕީޕީއެމް އާމެދު މައްސަލައެއް އޮވެގެންތޯ "ދެން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ އެބޭފުޅުންނާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ޕީޕީއެމްއަކީ އެންމެންނަށް ވެސް ހުޅުވިފައި އޮތް ޕާޓީއެއް ކަމަށެވެ.

"ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މިއޮތީ އަޅުގަނޑުމެން. މި ޕްލެޓްފޯމާއި ވަރަށް ގިނަ ބޭފުޅުން އެބަ ގުޅި ވަޑައިގަންނަވާ. އެބޭފުޅުންނަށް ވެސް މިކަން އޯޕަން. މިއީ އެންމެންގެ ޕާޓީއެއް. ކޮންމެ ދިވެހި ރައްޔިތަކަށް މިޕާޓީއަށް ވަނުމުގެ ޙައްޤު އޮންނާނެ. މިޕާޓީ ދޫކުރައްވާ އެހެން ޕާޓީއެއް ނޫނީ އެހެން މޫވްމަންޓެއް އުފެއްދުމަކީ އެބޭފުޅުންގެ ކަމެއް. ޕީޕީއެމްގެ ނެތް އެއްވެސް ހުރަހެއް" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން ކުރާ މަސައްކަތުގައި ހުރިހާ އެންމެންގެ އެހީތެރިކަމާ އެއްބާރުލުން ވެސް ބޭނުން ކަމަށާއި އެކަމުގައި ވަކި ޕާޓީއެއް ވަކި ފަރުދެއް ތަފާތު ކުރުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒު މިހުރީ ޤައުމު ސަލާމަތް ކުރުމަށް. މިމަސައްކަތުގައި ރައީސް ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތް މިއޮތީ ހަމަ އެންމެ ކުރީގައި. އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި ރައީސް ޔާމީން މިނިވަންވީމަ އަޅުގަނޑުމެން ކުރަން ހުރި މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ. ރައީސް ޔާމީން މިނިވަންވީމަ އަޅުގަނޑުމެންގެ މަސައްކަތް މެކުހަށް ޖަހާނެކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިރޭ ފެށޭ އެ މޫވްމަންޓްގެ ހަރަކާތަކުން ޕީޕީއެމްގެ އަމާޒަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒު ވަރަށް ސާފު. ބަޔަކު މަސައްކަތެއް ފެށިޔަސް އޭގައި އަޅުގަނޑުމެންގެ ފޯކަސް އެހެން ދިމާލަކަށް ނުދާނެ. އަޅުގަަނޑުމެންނާއެކު ތިއްބަވާ ބަޔަކު އަޅުގަނޑުމެންނާއެކު ތިއްބަވާނެ. ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ގުޅިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ފޯކަސް އަކަށް އަދި މަސައްކަތަކަށް ވެސް ބަދަލެއް ނާންނާނެ" ޝިޔާމް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!