އޯއައިސީއާ ގުޅުނު ފަހުން ރާއްޖެއިން ދަނީ އިސްލާމްދީން ހިމާޔަތްކޮށް، މުސްލިމުންގެ ހައްގުގައި ވަކާލާތު ކުރަމުން: ޝާހިދު
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެމްބަރު ގައުމުތަކުން އ.ދ އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާ ވަރޗުއަލްކޮށް ރޭ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު، 1976ގައި އޯ.އައި.ސީ. އާ ގުޅުނުފަހުން ދިވެހިރާއްޖެއިން އެހެން މެމްބަރު ގައުމުތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި ކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.
އެގޮތުން ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާއި، އާއްމު ސިއްހަތާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހަރަކާތްތައް ހުއްޓުުވުމާއި ޓެރަރިޒަމްއާއި އަދި މުސްލިމުންގެ ހައްގުތައް، ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭގޮތުން ވަކާލާތުކުރުމުގައި، ދިވެހިރާއްޖެއިން މަސައްކަތް ކުރާކަން މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، 1969 ގައި އޯ.އައި.ސީ. އުފެދުނުފަހުން އެ ޖަމިއްޔާއިން މުސްލިމް ގައުމުތައް ގުޅުވައި، 1.5 ބިލިޔަން މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ އެކި މައްސަލަތަކުގައި ވަކާލާތު ކުރަމުން އަންނަކަން ފާހަގަ ކުރެއްވިއެވެ.
ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އދގެ އާއްމު މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މަލްޓިލޭޓަރަލް ސިސްޓަމް ވަރުގަދަކޮށް، ޤައުމުތައް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ.
މިބައްދަލުވުމުގެ އިތުރުން ނިމިދިޔަ ހަފްތާ ބަންދުގައި މިނިސްޓަރ ޝާހިދު ވަނީ ނަން-އެލައިންޑް މޫވްމަންޓްގެ ފަރާތުން އދ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި ބޮޓްސްވާނާ، ސަޢޫދީ ޢަރަބިއްޔާ، ނޯރވޭގެ ޚާރިޖީ ވަޒީރުންނާ ވެސް މި ހަފްތާގައި ވަރޗުއަލްކޮށް ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވާފައި ވެއެވެ.