ކުޅިވަރު

ޓޮޓްނަމް ދޫކޮށްލުމުގެ ކުރިން އެކުލަބަށް ތައްޓެއް ހޯދައިދޭނަން: މޮރީނިއޯ

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސި ކުލަބު ޓޮޓްނަމް ދޫކޮށްލުމުގެ ކުރިން އެކުލަށް ތައްޓެއް ހޯދައިދޭނެކަމުގެ ޔަގީންކަން ކޯޗު ހޯސޭ މޮރީނިއޯ ކުލަބުގެ ސަޕޯޓަރުންނަށް ދީފިއެވެ.

Ads by MWSC

ޓޮޓްނަމްގެ ކޯޗު ހޯސޭ މޮރީނިއޯއަކީ ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ މިހާތަނަށް ކޯޗުކަންކޮށްދިން ހުރިހާ ޓީމަކާއިއެކު ތަށި ހޯދިއެވެ. މިގޮތުން ޕޯރތޯ، ރެއާލް މެޑްރިޑް، ޗެލްސީ، އިންޓަރ މިލާން އަދި މެންޗެސްޓަރ ޔުނައިޓެޑަށް ކޯޗުކަންކޮށްދިން މޮރީނިއޯ ކޮންމެ ކުލަބެއްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިއެވެ.

ޕްރިމިއަރ ލީގުގެ ޓޮޓްނަމަށް މޮރީނިއޯ ބަދަލުވުމުން އޭނާއަށް ގިނަ ބަޔަކު ފާޑުކިޔެވެ. ސަބަބަކީ މިދިޔަ 12 އަހަރު ތައްޓެއް ލިބިފައިނުވާ ކުލަބަކަށް އޭނާ ބަދަލުވުމެވެ. ނަމަވެސް މިދިޔަ ނޮވެމްބަރުގައި ޓޮޓްނަމާއިއެކު 3 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި މޮރީނިއޯ ހުރީ އުއްމީދުގައެވެ.

މޮރީނިއޯ ބުނީ ބައެއް މީހުންނަށް ހީވެފައި އޮންނަ ހީވުންތައް ބަދަލުކުރުމަކީ އޭނާއަށް މާ ބޮޑުކަމެއް ނޫންކަމަށެވެ. އަދި ޓޮޓްނަމްގެ ކޮންޓްރެކްޓް ހަމަވެ އެކުލަބު ދޫކޮށްލުމުގެ ކުރިން އެކުލަބަށް ތައްޓެއް ހޯދައިދޭނެކަމަށްވެސް އޭނާ ބުންޏެވެ.

ޓޮޓްނަމް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން މޮޅު ނުވެވުމުން ވެސް ގިނަ ބަޔަކު ވަނީ އެކުލަބުގެ ކުޅުމަށް ފާޑުކިޔާފައެވެ. ރެލިގޭޝަން ޒޯނުގައި އޮތް ބޯންމޮތު އަތުން މޮޅު ނުވެވުމުން މޮރީނިއޯ ބުނީ ކުލަބުގެ ކުޅުމަށް ބަދަލުތަކެއް ގެންނަން ފަށާފައިވާ މި ދަނޑިވަޅުގައި ނަތީޖާ ނުނެރެވުމަކީ މައްސަލައެއް ނޫންކަމަށެވެ.

ޓޮޓްނަމަށް އެންމެ ފަހުން ފާޑުކިޔާފައިވާ މީހުންގެ ތެރޭގައި ޔުނައިޓެޑްގެ ކުރީގެ ކޯޗު ރޮއީ ކީން ހިމެނެއެވެ. އޭނާ ބުނީ ބައެއް ކުލަބުތަކަކީ ލީގުގެ ވަކި ހިސާބެއްގައި އޮންނަން ޖެހޭ ކުލަބުތަކެއް ކަމަށާއި، އެކަން ނަތީޖާތަކުންވެސް އެނގޭކަމަށެވެ. އަދި މިއީ ސަޕޯޓަރުންނަށްވެސް އައު ކަމަކަމަށް ނުވާނެކަމަށް އޭނާ ބުންޏެވެ.

މިކަމަށް މޮރީނިއޯ އަދި އެއްޗެއް ބުނެފައިނުވި ނަމަވެސް ވަރަށް އަވަހަށް ރޮއީ ކީންއަށް މޮރީނިއޯ ރައްދުދޭނެކަމަށް ބެލެވެއެވެ. ސަބަބަކީ މޮރީނިއޯއާއި މިހާތަނަށް ދިމާކުރި އެންމެންނަށްވެސް އޭނާ ރައްދުދީފައިވުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!