މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ކެނޑިޑޭޓް އައްލޮ ހައްޔަރުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ނާސިރު (އައްލޮ) މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފިއެވެ.
މުޒާހަރާގެ ތެރެއިން މިއަދު އައްލޮ ހައްޔަރުކުރީ، މަޖީދީ މަގު މަޒާޑާ ކެފޭ ހުންނަ ސަރަހައްދުންނެވެ.
ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އައްލޮ އަކީ ޕީޕީއެމް އިން ކުރިޔަށް ދާ މުޒަހަރާ ތަކުގައި އާންމު މޫނެކެވެ.އެގޮތުން އައްލޮ ހައްޔަރު ކުރުމާ ގުޅިގެން މީސްމީޑިޔާގައި މިހާރު ދަނީ "ފްރީ އައްލޮ" ގެ ނަމުގައި އޭނާ ދޫކޮށްލުމަށް އެދި އިހުތިޖާޖް ކުރަމުންނެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ގެ މުޒަހަރާ ގައި 38 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޕީޕީއެމް/ޕީއެންސީ އިން ބާއްވާ މި މުޒާހަރާތަކަކީ، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން 5 މީހުންނަށްވުރެ އިތުރަށް މަގުތަކުގައި އެއްވެ އުޅުން މަނާ ކޮށްފައިވާ ދުވަސް ވަރެއްގައި ކުރަމުންދާ އިހުތިޖާޖު ތަކެކެވެ.
އެގޮތުން މި މުޒާހަަރާތަކުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިޔާ ފްލެޓު ލިބި، މިސަރުކާރުގައި އެ ފްލެޓުތައް ނުލިބުނު މީހުންގެ ޙައްޤުތައް ހޯދައިދިނުމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށްވެސް ގޮވާލާފައިވެއެވެ. ޕީޕީއެމުން ބުނާ ގޮތުގައި ގައިދުރުކޮށް ހުއްދަ އޮންނަ އަދަދަށް ، މީހުން އެކީ ބާއްވާ މި މުޒާހަރާތަކުގައި މީހުން ގައިގޯޅި ވަނީ ފުލުހުން އެމީހުން ހުއްޓުވަން ކުރިމަތިލުން ތަކަށް ދާތީއެވެ.