އެންމެންގެ ސަމާލުކަން ކޮވިޑަށް، ނުރައްކާތެރި އެހެން ބަލިތައް ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމުގައި އިހުމާލުވެފައި!
ދުނޔޭގެ އިޤްތިޞާދާއި އެހެނިހެން ކަންތައްތަކަށް ހުއްޓުމެއް ގެނައި ކުޑަކުޑަ ކޮރޯނާ ވައިރަހަކީ މިއަދު މުޅި ދުނިޔެ، އޭގެ ނުރައްކަލާ ކުރިމަތިލަމުން އަންނަ ބައްޔެކެވެ. މި ބަލީގައި އެތައް ބަޔަކު ފަރުވާ ކުރަމުން އަންނައިރު، އެތައް ބައެއްގެ ފުރާނަ ވެސް ވަނީ މި ވޭނީ ބަލީގެ ޝިކާރައަކަށް ވެ ނިމި ގޮސްފައެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖޭގައި ވެސް މި ބަލި ފެތުރި ޖުމުލަ 64 މީހަކު ވަނީ ނިޔާވެފައެވެ،
ކޮވިޑް-19 ރާއްޖެއިން އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ވެސް ސިއްހީ މާހިރުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ މި ކުޑަކުޑަ ރާއްޖެއިން ކޮވިޑް-19 ގެ ނުރައްކާ އެއްކޮށް ނައްތާލެވޭތޯއެވެ. ރެއާ ދުވާލު ނިދި ނަގާލުމަށް ފަހު އަދި އާއިލާއާ ދުރުގައި އެތައް ބަޔަކު އަންނަނީ ކެނޑިނޭޅި ބުރަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެމީހުންގެ ވާޖިބުކަން އަދާ ކުރަމުންނެވެ.
އެހެން ނަމަވެސް ސުވާލު އުފެދޭ ހިސާބަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުނީންސުރެ ހުރިހާ ޑޮކްޓަރުންގެ ކަޅިތައް އަމާޒުވެފައި ހުންނަން ޖެހެނީ ހަމައެކަނި ކޮވިޑް-19 އަށް ތޯއެވެ؟ ނޫނީ ކޮވިޑް-19 ގެ އިތުރުން ވޭނީ އެހެން ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހުންނަށް ފަރުވާ ދިނުމަކީ ވެސް ހަމަ އެ ޑޮކްޓަރުންގެ ވާޖިބެއް ނޫންތޯއެވެ؟
މިއަދު އެތައް ބައެއްގެ އުއްމީދުތަކަށް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ރަށްރަށުގައި ދިރިއުޅޭ މީހުން މާލެ އަންނަނީ ތަހައްމަލު ކުރަމުން އަންނަ ވޭންތަކަށް ކުޑަވެސް ތަސައްލީއެއް ލިބޭތޯއެވެ. ބަދަލުގައި މާލޭގައި ހުރެ އަތުން އިތުރު ޚަރަދުތަކެއް ގޮސް އެންމެ ފަހުން ދާންޖެހެނީ މާޔޫސީ ކަމާއެކު ބައްޔަށް ފަރުވާއެއް ލިބުމެއް ނެތި އަމިއްލަ ރަށަށް ކަރަންޓީނުވާށެވެ. މިއީ މިކަން އޮންނާން ޖެހޭ ގޮތް ކަމުގައި އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.
ރާއްޖޭގައި ފެތުރިފައިވާ މި ނުރައްކާތެރި ކޮވިޑް-19 ގެ ވަބާއިން ސަލާމަތް ވުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރާކަން އަޅުގަނޑުމެންނަށް ފެނެއެވެ. އެހެންނަމަވެސް ޝަކުވާއަކީ އެބަލި ހުއްޓުވުމަށް މަސައްކަތް ނުކުރާތީއެއް ނޫނެވެ. ޝަކުވާއަކީ ކޮވިޑް ބަލި ނޫން އެހެން ބަލިތައް ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް އެންމެ އެދެވޭ ފަރުވާއާއި އެހީތެރިކަން ލިބިގެން ނުދިއުމެވެ.
މިކަމަކީ މިއަދު އަޅުގަނޑުމެން ދައްކަން ޖެހިފައިވާ ވާހަކައެކެވެ. ކުރަން މަޖުބޫރު ވެފައިވާ ޝަކުވާތަކެކެވެ. މިއަދު ވެސް އެތައް ބަޔަކު އެތައް ވޭން ހުރި ބަލިތަކެއްގެ ޝިކާރައަކަށްވެ ފަރުވާއަކަށް އެދި އެބަ ތިއްބެވެ. އެމީހުން ތަހައްމަލު ކުރަމުން އަންނަ ވޭނާއި ކެކުޅުމަކީ އަހަރެމެންނަށް އިހުސާސު ކުރެވޭ ވަރަށް ވުރެ މާ ވޭން ހުރި ކަންކަމެވެ.