ރައީސް ޔާމީން ގެންނެވީ އަތްލެވޭ ތަރައްޤީ: އަދުރޭ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މި ރާއްޖެއަށް ގެނެސްދެއްވީ އަތްލެވޭ ތަރައްޤީއެއް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީ ގެ ލީޑަރު ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ފަރާތުން މިރޭ ކުރިއަށް ގެންދާ ކައުންސިލް ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނަވާތީ ރާއްޖޭގެ އެންމެން ކަރުނަ އަޅާ ރޯކަމަށެވެ.
"މިރާއްޖޭގައި ތާޢީދު އޮތީ ރައީސް ޔާމީނަށްކަން މިސަރުކާރަށް އެނގޭ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެނގޭ، ރައީސް މުޙައްމަދު ނަޝީދަށް އެނގޭ. އެހެންވެގެން ކެމްޕޭނު ކުރަން ޖާގަ ނުދީގެން މިއުޅެނީ." އަދުރޭ ވިދާޅުވިއެވެ.
މާލެސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ޑރ. މުޢިއްޒު ފަދަ ޤާބިލު ބޭފުޅުން ވަޢުދުތައް ހާމަ ކުރައްވަން ފެއްޓެވީމަ، "ފާޑުފާޑުގެ ނަންނަމުން" ގޮވަނީ ވެސް ސަރުކާރުން އިދިކޮޅު ފަރާތްތަށް ދެކެ ގަންނަ ބިރަކުން ކަމަށް އަދުރޭ ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން އަދުރޭ ވިދާޅުވީ، މި ސަރުކާރުން ކެމްޕޭނު ކުރަން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދެއްވާ ކަމަށެވެ.
"މިސަރުކާރުން އަޅުގަނޑުމެންނަކަށް ކެމްޕޭނު ކުރާކަށް ފުރުސްތެއް ނުދޭ. މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާޙައުލެއް މިރާއްޖެއަކު ނެތް. އެފުރުސަތެއް ސަރުކާރުން ފަހި ކޮށްދީފައެއް ނެތް" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ކެމްޕޭނު ކުރަން އިދިކޮޅު ފަރާތްތަކަށް ރަށްރަށަށް ދަތުރު ނުކުރެވޭ ކަމަށެވެ. އަދި، އިދިކޮޅު ފަރާތްތަކުގެ ވަސީލަތްތައް ވެސް ވަރަށް މަދުކަން އަދުރޭ ވަނީ ފާހަގަ ކުރައްވާފައެވެ.