ޒަންޑަ ހަނާރާ ފުޓްސަލް ކަޕް 2021: ވަރުގަދަ ބްލޯ ކިންގު ބަލިކޮށް ކޭންކޭން އިން މުބާރާތުގެ ތަށި އުފުލާލައިފި
މާފަރުގެ ކްލަބެއް ކަމަށްވާ ކްލަބް މެދު ސިޓީ އިން އިންތިޒާމު ކޮށްގެން ބާއްވާ "ޒަންޑަ ހަނާރާ ކަޕް 2021"ގެ ޗެމްޕިއަންކަން ކޭންކޭން އެސްސީ އިން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ކޭންކޭން އެސްސީ އިން ހޯދީ މިރޭ ކުޅެވުނު ފައިނަލް މެޗުގައި ބްލޯ ކިންގާ ވާދަކޮށް 1-4ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެގޮތުން މިއަދުގެ މެޗުގައި ކޭންކޭން އެސްސީގެ އަފްރާހް މުހައްމަދު ވަނީ 2 ގޯލް ކާމިޔާބު ކޮށްފައެވެ. އަދި އެޓީމުގެ އިފްހާމް އާއި މިފްރާހް ވެސް މި މެޗުގައި ވަނީ ގޯލް ޖަހާފައެވެ. މެޗުގައި ބްލޯ ކިންގުން ޖެހި ހަމައެކަނި ގޯލް ކާމިޔާބު ކޮށްދިނީ ސާމިހު މުސްތަފާ (ސާމިހްޓޭ) އެވެ.
މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ ބްލޯ ކިންގުގެ އަލީ ސަމާލް (ޓޮބީ) އެވެ. އޭނާ ވަނީ މުބާރާތުގައި ޖުމުލަ 13 ގޯލް ކާމިޔާބު ކޮށްފައެވެ.
މި މުބާރާތުގައި އެންމެ މޮޅު 5 ކުޅުންތެރިން ހޮވާފައިވާއިރު އެ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކޭންކޭން އެސްސީގެ އަފްރާހް މުހައްމަދު (މެސީ) އާއި އެޓީމުގެ ހަސަން މިފްރާހް އާއި ބްލޯ ކިންގުގެ ޖުމާން އީސާ އަދި އަލީ ސަމާލެވެ. މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނުނީ ކޭންކޭން އެސްސީގެ ގޯލް ކީޕަރު އާތިފް އިބްރާހިމް (ޕިޔޯލް) އެވެ.
މުބާރާތުގައި ވަނީ މާފަރު ފުޓްސަލް ކިންގުގެ މަގާމު ވެސް ހޮވާފައެވެ. އެގޮތުން މާފަރު ފުޓްސަލް ކިންގުގެ މަގާމް ހާސިލު ކުރީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އަފްރާހް މުހައްމަދު (މެސީ) އެވެ.
މީގެ އިތުރުން މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް މި މުބާރާތުގައި ވަނީ ހަނދާނީ ލިޔުން ދީފައެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މާފަރުގެ އެކި ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ޒުވާނެއް ކަމަށްވާ ޒަހީން އަބްދުﷲއެވެ. އަދި މި މުބާރާތުގެ ކޯ ސްޕޮންސާ އަކީ މާފަރުގެ ކްލަބެއް ކަމަށްވާ "ބުއްލާރު" އެވެ. މީޑިއާ ސްޕޮންސަރަކީ "ދެން އެމްވީ" އެވެ. އަދި ފޮޓޯގްރަފީ ޕާރޓްނަރަކީ "ދި އައިލެންޑް ފޮޓޯގްރަފީ" އެވެ