ދިރާސީ އާ އަހަރު ދެން ފެށޭނީ އޯގަސްޓް މަހު
ދިރާސީ އައު އަހަރުގެ ކިޔެވުން އޯގަސްޓް މަހު ފަށާގޮތަށް ނިންމައިފިއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ ދުވަސްވަރު ބަދަލުކޮށް، އައު އަހަރުގެ ކިޔެވުން އޮގަސްޓް މަހުގައި ފަށާގޮތަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން އޯގަސްޓް މަހު ފަށާ ގޮތަށް ނިންމީ ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހުގައި ކަމަށެވެ.
މިނިންމުމާ ގުޅޭގޮތުން މިނިސްޓަރ އިތުރަށް ވިދާޅުވީ ގިނަ ފަރާތްތަކަކުން ދިރާސީ އާ އަހަރު ބަދަލު ކުރުމަށް އެދެމުން ދާތީ ކަމަށެވެ.
"މި ބަދަލާއެކު ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ގަބޫލު ކުރެވޭ. މިއީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް ދިރާސީ އަހަރު ފަށާ މަސް. މި ނިންމުން ނިންމީ ކަމާ ބެހޭ ފަރާތްތަކާއެކު ގިނަ މަޝްވަރާތައް ކުރުމަށް ފަހު" މިނިސްޓަރ އައިޝަތު ޢަލީ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ އޯގަސްޓް މަހު ކިޔަވަން ފަށާ ގޮތަށް ބަދަލު ކުރުމަކީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ބެލެނިވެރިންގެ ވެސް ވަރަށް ބޮޑު އެދުމެއް ކަމަށާއި މި ބަދަލު ގެނައީ އެފަރާތްތަކާވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބަދަލާއެކު ބެލެނިވެރިންނަށް ދަރިވަރުންނާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
" މި ނިންމުމަކީ ކޮވިޑް-19ގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށާއި ޖުމުލަ ތަރައްޤީއަށް ދިމާވެފައިވާ ބޮޑު ގެއްލުމުން އަރައި ގަތުމަށް 2020 ވަނަ އަހަރު ފެށުނު ދިރާސީ އަހަރު 2021 ވަނަ އަހަރުގެ ޖޫންގައި ނިމޭގޮތަށް ފަސްކޮށްފައި ވުމާއި، ބެލެނިވެރިންނަށް ދަރިންނާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ މަގުސަދުގައި ނިންމި ނިންމުމެއް" އެ މިނިސްޓްރީން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ދިރާސީ އަހަރަށް މި ގެނެވުނު ބަދަލާ ގުޅިގެން، ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނީ މީލާދީ އަހަރުގެ މެދުތެރޭގައެވެ. އަދި މީލާދީ އަހަރުގެ ފަހުކޮޅު ފުރަތަމަ ޓާމު ޗުއްޓީގެ ގޮތުގައި ދެ ހަފުތާގެ ޗުއްޓީއެއް ލިބޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
ދިރާސީ އަހަރަށް މި ބަދަލު ގެނެވުމުން، އޭލެވެލް ހަދާ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާއިން ގެއްލިގެން ދާނެކަމަށް ބައެއް ފަރާތްތަކުން ބުނާ މުއްދަތު ގެއްލިގެން ނުދާނެ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ. އަދި މިބަދަލާއެކުވެސް، ދަރިވަރުން މިހާރު ވެސް އޭ ލެވެލް ފަށާ ތާރީޙު ކަމަށްވާ ޖޫންމަހުގައި އޭ ލެވެލްގެ ކިޔެވުން ފެށިގެންދާނެ ކަމަށާއި މީގެ އިތުރުން، ގްރޭޑް 10 ގެ ދަރިވަރުންގެ ފަހު އިމްތިހާނު އޮކްޓޯބަރ/ނޮވެންބަރ ގައި ނިމުނު ކަމުގައި ވިޔަސް އޭ ލެވެލް އިންތިޙާން ޖޫން މަހުގައި ފެށޭތީ އޯލެވެލް ނިންމާ ދަރިވަރުން އޭ ލެވެލް ފެށުމާއި ދެމެދު ހޭދަ ކުރަންޖެހޭ 6 މަސް ދުވަސް، މިހާރު ގެނެވުނު ބަދަލާއެކީ ނޯންނާނެ ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ، ދިރާސީ އަހަރު ފެށުން މިގޮތަށް ބަދަލު ވެގެން ދިއުމުން ބައިނަލްއަޤްވާމީ ފެންވަރުގައި ދަރިވަރުންނަށް ލިބޭ އެކިއެކި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކިއެކި އިންޑަސްޓްރީތަކުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ލިބޭ ފުރުޞަރުތައް އިތުރަށް ފަހިވެ ފުޅާ ވެގެންދާނެ ކަމަށާއި މީގެ އިތުރުން ޢާއިލާއާ އެކުގައި ޗުއްޓީ ހޭދަކުރުމަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ޢަޅުގަނޑާ ދިމާވި އެންމެން ބުނީ ވަރަށް ފޫހިވެޔޯ މިގޮތަށް ހެދީމަ