ބޮލީވުޑް

އެންމެ ފަހުން ކަރީނާ ދެވަނަ ދަރިފުޅާއެކު ފޮޓޯއެއް ދައްކާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ ބަޔަކު މިއަހަރު ފެށުނު ފަހުން އެންމެ އިންތިޒާރު ކުރަމުން ދިޔަ އެއް ކަމަކީ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރް ޚާން، އޭނާގެ ދެވަނަ ދަރިފުޅު ވިހާނެ ދުވަހަކަށެވެ.

Ads by STELCO

މިދިޔަ މަހުގެ 21 ވަނަ ދުވަހު، ކަރީނާ އާއި ސައިފް އަށް އަނެއްކާ ވެސް ފިރިހެން ދަރިއަކު ލިބިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި އެމީހުންގެ ފޭނުން ކުރަމުންދާ އިންތިޒާރަށް އަދިވެސް ބަދަލެއް ނާދެއެވެ.

ކަރީނާ ވިހާތޯ ކުރި އިންތިޒާރު، ވިހެއުމަށްފަހު ބަދަލުވީ ދެވަނަ ދަރިއަށް ކިޔާނީ ކޮން ނަމެއްތޯ ބެލުމަށެވެ. އަދި އެއަށްވުރެ ބޮޑަށް އެމީހުން އިންތިޒާރު ކުރަމުން ދިޔައީ ދެވަނަ ދަރިފުޅު ގެ ފޮޓޯއެއް ފެންނާނެ ދުވަހަކަށެވެ. ކަރީނާ އަކީ މީސް މީޑިއާގައި ވެސް ވަރަށް އެކްޓިވްކޮށް ފެންނަ ފަންނާނެއް ކަމަށްވާތީ، އެތައް ބަޔަކު އޭނާއާއި ސައިފްގެ ދެވަނަ ދަރިފުޅުގެ ފޮޓޯއެއް ފެނޭތޯ ވަރަށް އެދެމުން ދިޔައެވެ.

މިއަދު ކަރީނާ ވަނީ އޭނާގެ ފޭނުންގެ އެ އެދުން ކޮންމެވެސް މިންވަރަކަށް ފުރިހަމަ ކޮށްދީފައެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަށް ޚާއްސަކޮށް ކަރީނާ ކުރި ޕޯސްޓެއްގައި ހިމަނާފައިވާ ފޮޓޯއެއްގައި އޭނާ އުރައިގެން ހުރީ ދެވަނަ ދަރިފުޅު ކަމަށް އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނެއެވެ.

ދެވަނަ ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް ކަރީނާ އާންމުކުރި ކަމުގައި ވިޔަސް، އެކުއްޖާގެ މޫނު އަދިވެސް ދައްކާލާފައެއް ނުވެއެވެ. އެހެންކަމުން އެކަމަށް އަދިވެސް ފޭނުން ޖެހެނީ އިންތިޒާރު ކޮށްލާށެވެ.

ދާދި ފަހުން ނެރުނު ރިޕޯޓުތަކުން ބުނާ ގޮތުގައި، ކަރީނާ އާއި ސައިފް ނިންމާފައި ވަނީ، އެމީހުންގެ ދެވަނަ ދަރިފުޅު ވަރަށް ތަފާތު ގޮތަކަށް މީހުންނަށް އާންމު ކުރުމަށެވެ. އެކަން ކުރާނީ ކަރީނާގެ އިންސްޓަގްރާމްގައި، އެދެމަފިރިން އެކުގަައި ކަމަށް ސައިފް ބުނި ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

ކަރީނާ އާއި ސައިފްގެ އެންމެ ދޮށީ ދަރިފުޅު ތައިމޫރް ޢަލީ ޚާން އަށް މިހާރު 4 އަހަރެވެ. ދެވަނަ ދަރިފުޅު އުފަންވުމުގެ ކުރިން، "ކޮއްކޮއެއް" ލިބެން އުޅޭކަމަށާއި "ކޮއްކޮ އާއި އެކުވެރިވުމަށް" ކަރީނާ އާއި ސައިފް، ތައިމޫރް އަށް ވިސްނާދިން ކަމަށް ވެސް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!