މުނިފޫހިފިލުވުން

"ނީނާ" ނަމާއި އެއްވަރަށް ގަދަފަދަ އަންހެނެއްކަން، ފުރަތަމަ "ލުކް" އިންވެސް ހާމަވޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފަހުގެ ތާރީޚެއްގައި ދިވެހި ސިނަމާއިން ދެއްކި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބަވަތި" ގެ ޓީމުން ޕްރޮޑިއުސްކުރި ދެވަނަ ފީޗަރ ފިލްމު "ނީނާ" އަކީ، އެފިލްމު އިއުލާން ކުރި ދުވަހުން ފެށިގެން، އެތައް ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ.

Ads by STELCO

އައިފިލްމްސް އިން އުފައްދާފައިވާ، އަދި މަޝްހޫރު ލިޔުންތެރިޔާ/ޕްރޮޑިއުސަރ އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓް ކޮށްފައިވާ "ނީނާ" އިން ފެނިގެން ދާނީ ނުހަނު ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެވެ.

މިފަދަ ޚާއްސަ ވާހަކައެއް އެކުލެވިގެންވާ "ނީނާ" ގައި ލީޑް ރޯލުން ފެންނަ ނުޒުޙަތު ޝުޢައިބު ގެ ތިން "ލުކެއް" ނުވަތަ ސިފައެއް ފެނިގެންދާނެ ކަމަށް މީގެ ކުރިން އެ ޓީމުން ވަނީ ބުނެފައެވެ. އެހެންކަމުން ދެން ބެލުންތެރިން އެންމެ ކެތްމަދުވީ އެ ސިފަތައް ފެންނާނެ ދުވަހަކަށެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް "ނީނާ" ޓީމުން މިވަނީ އެ އިންތިޒާރަށް ކުޑަ ނިމުމެއް ގެނެސްދީފައެވެ. މި ފިލްމުގައި ނުޒޫގެ ތިން ލުކް ހިމެނޭއިރު، އޭގެ ތެރެއިން އެއް ލުކް މިއަދު މިވަނީ "ނީނާ" ފިލްމުގެ ޕޯސްޓަރެއްގެ ގޮތުގައި މީސްމީޑިއާ މެދުވެރިކޮށް ހާމަ ކޮށްފައެވެ.

ނުޒޫ އާއި ޝަރަފް އަބްދުﷲ އެކުގައި ފެނިގެންދާ މިފިލްމުގައި ޚާއްސަ ކަންތައްތަކެއް ވާކަން މިހާތަނަށް ފިލްމާ ގުޅޭގޮތުން ފެނުނު ފޮޓޯތަކާއި ޚަބަރުތަކުން ވެސް ވަނީ އެނގިފައެވެ.

ކްރައިމް އަދި ތްރިލާ ޖާންރާއަކަށް އުފައްދާ މިފިލްމުގައި ނުޒޫ އާއި ޝަރަފްގެ އިތުުރުން ފެނިގެން ދާނީ ނަތާޝާ ޖަލީލް (ނަތާ)، ޖުމައްޔިލް ނިމާލް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްއެވެ.

ކޮވިޑާ ގުޅިގެން ސިނަމާތައް ވެސް ބަންދު ކޮށްފައި ވުމާއެކު ފިލްމު ރިލީޒް ކުރާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް މިއަހަރުގެ ތެރޭގައި ކަމަށް ފިލްމު އެޅުވުމަށް އުއްމީދު ކުރާ ކަމަށް ނީނާގެ ޓީމުން މީގެ ކުރީން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!