ޚަބަރު

ރައީސް ޔާމީނަށްދޭ އަނިޔާގެ ފަހަތުގައިވަނީ ރައީސް ޞާލިޙާއި ސަރުކާރު ކޮންޓްރޯލްކުރާ ބައިވެރިން: ސަޢީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ދައުވާއެއްކޮށް ފަސް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދޭ އަނިޔާގެ ފަހަތުގައި ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި މިސަރުކާރު ކޮންޓްރޯލް ކުރާ ބައިވެރިން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޔާމީން އެކަނި ޖަލަށް ލައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ލިއުމެއް އޮވެ އިޖުރާއަތުގެ ތެރެއިން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ޞާލިޙް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އަދީބާއި ޒިޔަތު ގޭގައި ބަހައްޓަން ޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ޑޮކްޓަރު ލިއުމެއް ރައީސް ޔާމީންގެ ނެތެވެ. އެމަނިކުފާނާ ގުޅިގެން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި އެ ފުރުސަތު ރައީސް ޔާމީނަށް އެރުވުމުން، ރައީސް ޔާމީން އެފުރުސަތު ބޭނުން ނުކުރެއްވީ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިވާހަކަތަކާ ގުޅިގެން މެމްބަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ވަރަށް ފާޅުގައި ރައީސް ޞާލިޙް ހައްދަވާފައިވާ އިތުރުފުޅެއް ކަމަށެވެ.

"ރައީސް ޔާމީނަށްދޭ އަނިޔާގެ ފަހަތުގައިވަނީ ރައީސް ޞާލިޙާއި ސަރުކާރު ކޮންޓްރޯލްކުރާ ބައިވެރިން. ޤާނޫނުގެ ފޮޅުވަތަކުން އަކުރުތައް ވަކި ވެފައިވީ ނަމަވެސް ޤާނޫނު އަސާސީއާއި މުޅި ދައުލަތް ވަނީ ހޮސްޓޭޖް ހާލަތެއްގައި" ސައީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ގެ ބޮޑު ޚިޔާނާތު މައްސަލައިގައި، ކުށަށް އިއުތިރާފު ވެފައިވާ އަދީބާއި ޒިޔަތަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ދެ ބޭފުޅުން ވެސް ތިއްބެވީ ގޭ ބަންދުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!