ޚަބަރު

މިނިސްޓަރ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު" ގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

Ads by Sosun Fihaara

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު "ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމަން ވޯޓާ: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ސެޝަންގައި ވާހަކަފުޅު ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު ޝާހިދުގެ އިތުރުން މިސެޝަންގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ އަދި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް، ވިޖޭ ކުމާރު ސިންގް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. ޝްރީ ލަންކާގެ ފޮރިން މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާނީ ވާޗުއަލްކޮށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު އަކީ 2017 ވަނަ އަހަރުން ފެށިގެން ދެކުނު އިންޑިއާގެ ހިސާބުތަކުން އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުން އިންޑިއާއަށް ގެނެސް ދެވޭނެ ތަރައްގީއާއި ކުރިއެރުމާ ބެހޭގޮތުން ބޭއްވޭ ބައްދަލުވުމެކެވެ.

މި އަހަރު ބޭއްވޭ ކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަން ބާއްވަނީ ޗެންނާއީގައެވެ. މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާ ކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާ ގުޅޭގޮތުންނެވެ.

މި ކޮންކްލޭވް އިންތިޒާމްކުރަނީ އިންޑިއާގެ މީޑިއާއެއް ކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!